ވިޔަފާރި

ރާއްޖެ އިސްތިހާރުކުރުމަށް އިޓަލީގެ ނޫސްވެރިންގެ ޓީމެއް އައިސްފި


ދިވެހިރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް ތަޖުރިބާކޮށް އިސްތިހާރު ކުރުމުގެ ގޮތުން އިޓަލީގެ ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ނުފޫޒުގަދަ މީހުން ހިމެނޭ ގޮތަށް މީޑިއާޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

މިދަތުރަކީ ފުޅާދާއިރާއެއްގައި ރާއްޖެ އިސްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)އިން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ސޯޅަވަނަ ދަތުރެވެ.

އިޓަލީގެ މީޑިއާ ޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 10 ދުވަހުގެ ނިޔަލަށެވެ. މިދަތުރުގައި މިޓީމް ރިސޯޓްތަކާއި ގެސްޓްހައުސް އަދި ލިވަބޯޑުގައި މަޑުކޮށް، އެތަންތަނުގެ ތަފާތު ޚިދުމަތްތައް ތަޖްރިބާ ކުރާނެއެވެ. އެގޮތުން މިޓީމު ރާއްޖެއަށްކުރާ ދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ގއ.އަތޮޅުގައި އޮންނަ ރަފްލްސް މޯލްޑިވްސް މެރަދޫ އާއި ސަން ސިޔާމް އިރުފުށްޓާއި ބ.ފެހެންދޫ ވައިޓް ލެގޫން ގެސްޓް ހައުސްއާއި ވޮރޭޖްސް މޯލްޑިވްސްގެ ގަހާ ސަފާރީގައެވެ. ރާއްޖޭގައި މިޓީމުން ކުރާ ތަޖްރިބާތައް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެމީހުން ޝާއިޢު ކުރުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި ފުރަތަމަ ފަތުރުވެރިއަކީ އިޓަލީގެ ރައްޔިތަކަށްވާއިރު، އެގައުމަކީ ރާއްޖޭއަށް މިހާރު ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 97,375 ފަތުރުވެރިން ވަނީ އިޓަލީ އިން ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންނަށް ވުރެން 31.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް އެމް.އެމް.ޕީ.އާރް.ސީ އިން ވަނީ އިޓަލީގެ ޓޫރިޒަމް ޓްރޭޑަށް އަމާޒުކޮށްގެން ބޭއްވޭ އެންމެ ބޮޑު ފެއަރ ކަމުގައިވާ ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއަންސްގައި ވެސް ބައިވެރިވެފައެވެ. އަދި އެއާ ވިދިގެން ރޯމް އާއި މިލާންގައިވަނީ ރޯޑް ޝޯއެއް ވެސް ކުރިއަށް ގެންގޮސްފައެވެ.