މުނިފޫހިފިލުވުން

އަކްޝޭގެ ފަރާތުން ބިހާރުގައި ހާލުގައި ޖެހުނު އާއިލާތަކަށް 1 ކްރޯޑް ރުޕީސް


އަކްޝޭ ކުމާރަކީ ގިނަ ގޮތްގޮތުން ބޮލީވުޑްގައި ފާހަގަކޮށްލެވޭ ތަރިއެކެވެ. މޮޅު ފިލްމަތަކެއް ސިނަމާތަކަށް ދޫކޮށްލުމުގެ އިތުރުން އަކްޝޭ ގިނަ ބަޔަކަށް ދެން ފާހަގަވެގެންދަނީ އެނާގެ މީހުންނަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުންނެވެ.

އަނެއްކާވެސް އަކްޝޭ މިވަނީ އެފަދަ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. މިގޮތުން ބިހާރަށް ކުރި ވިއްސާރާގައި ހާލުގައި ޖެހުނު 25 އާއިލާއަކަށް 1 ކްރޯޑް ދިނުމަށް އަކްޝޭ ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި އަދަދުން ކޮންމެ އާއިލާއަކަށް ޖެހޭ 4 ލައްކަ ރުފިޔާ ވަރަށް ހަވާލުކުރާނެކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

ބިހާރަށް ކުރި ވިއްސާރާގައި ފެން ބޮޑުވެ ގިނަ އައިލާތަކެއް ވަނީ ހާލުގައި ޖެހިފައެވެ.

އަކްޝޭ ވަނީ މީގެ ކުރިންވެސް މި ފަދަ އެހީތައް ފޯރުކޮށްދީފައެވެ. މިގޮތުން އޮޑިއްސާއަށް އެރި ތޫފާނުގައި ހާލުގައި ޖެހުނު ފަރާތަކަށް އެހީވުމަށް ހުޅުވި ޗީފް މިނިސްޓަރ ރިލީފް ފަންޑަށްވެސް އަކްޝޭ ވަނީ 1 ކްރޯޑް ރުޕީސް ހަދިޔާކޮށްފައެވެ. މީގެއިތުރުންވެސް އަމިއްލަ ބައެއް ފަރާތަކަށް ވަކިވަކިންވެސް އެހީތެރިކަން އަކްޝޭ އަންނަނީ ފޯރުކޮށްދެމުންނެވެ.