ބ. ތުޅާދޫ ހިއްކިބިމުން ގޯއްޗަށް އެދި ހުށައެޅި ފޯމްތައް އިވެލުއޭޓްކޮށް ނިންމައިފިއެވެ. ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު ވިދާޅުވީ އަންނަ އަހަރު ކުރީ ކޮޅު އެރަށުން ގޯތިދޫކުރެވޭވަރު ވާނެކަމަށެވެ. މިދިޔަ މޭމަހު ތުޅާދޫ ހިއްކިބިމުން އާއްމުންނަށް ގޯތި ދޫކުރުމަށް އިއުލާން ކޮށްފައިވާއިރު އެރަށުން ދޫކުރަން ހަމަޖެހިފައިވަނީ 88 ގޯއްޗާއި، 50 ހައުސިންގް ޔުނިޓެވެ.
އެރަށުން ގޯއްޗަށް އެދި ޖުމްލަ ހަސަތޭކައަށްވުރެ ގިނަ ފޯމް ވަނީ ހުށަހަޅާފައެވެ. ހުރިހާ ފޯމެއް ޗެކްކޮށް ޕޮއިންޓް ދީ ނިމި ވަގުތީ ލިސްޓް ފައިނަލް ކުރެވިފައިވާކަމަށާ، މިލިސްޓަށް ޝަކުވާ ހުށައެޅުމަށް އަންނަ މަހުތެރޭގައި މިލިސްޓް އިއުލާނު ކުރެވޭވަރު ވާނޭ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
ތުޅާދޫން ގޯތި ދޫކުރުމުގެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ޙިއްސާކުރުމަށް ހައުސިންގ މިނިސްޓަރާ އެކު މިދިޔަ ހަފްތާގައި ތުޅާދޫ ކައުންސިލުން ވަނީ ބައްދަލުވުމެއްވެސް ބާއްވާފައެވެ. އަޙްމަދު ރަޝީދު ވިދާޅުވީ ކަންކަން ކުރިޔަށް ގެންދަނީ މިނިސްޓްރީގެ ލަފައާއި އިރުޝާދާ އެކު ކަމަށެވެ.
ތުޅާދޫއިން ދޫކުރުމަށް ނިންމާފައިވާ 50 ހައުސިން ޔުނިޓްގެ ތެރެއިން 5 ހައުސިންގ ޔުނިޓް ދޫކުރާނީ ރަށުން ބޭރުން ހިޖުރަކުރާ ޢާއިލާ ތަކަށެވެ.
ތިން ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގައި ދިރިއުޅުމަށް މުޅިއެކު 536 ގޯތި ކުރިއްސުރެ ދޫކޮށްފައިވެއެވެ. އެރަށުން ގޯތި ދޫނުކުރާތާ ގިނަ ދުވަސްތަކެއް ވަނީ ހޭދަވެފައެވެ. އެންމެފަހުން ގޯތި ދޫކުރީ 1999ވަނަ އަހަރުއެވެ.
ތުޅާދޫން އަލަށް މި ދޫކުރާ 88 ގޯއްޗާއި 50 ހައުސިންގް ޔުނިޓް ދޫކުރުމުގެ އިދާރީ މަސައްކަތް ނިމުމަކާ ހިސާބަށް ގޮސްފައިވާއިރު، އަތޮޅުގެ ވެރިރަށް އޭދަފުށިންވެސް 158 ގޯތި ދޫކުރުމަށް ކުރަންޖެހޭ އިދާރީ މަަސައްކަތް ވަނީ ފަށާފައެވެ.