ޚަބަރު

ފެލިދޫ ދާއިރާގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ މާޗުމަހު ފަށާނެ - މިނިސްޓަރ ޙުސެއިން


ފެލިދޫ ދާއިރާގެ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތްތައް އަންނަ އަހަރުގެ މާޗުމަހުގެ ތެރޭގައި ފެށޭނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުން މަޖްލީހުގައި ބޭއްވި ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ ފެލިދޫ ދާއިރާގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ޑިޒައިން މަސައްކަތް މިހާރު އެމްޑަބްލިއުއެސްއީންކޮށްފައިވާކަމަށެވެ. ނަމަވެސް މިމަސައްކަތް ޙަވާލުކުރާ އިންޑިއާގެ އެގްޒިމް ބޭންކަށް ޕްރޮޕޯސަލް ހުށައާޅާއިރު އިތުރަށް ފުރިހަމަކުރަންޖެހޭކަންކަން ހުރުމާއެކު އެކަންކަން ފުރިހަމަކުރުމަށް މިމަސައްކަތް މިދިޔަ ހަފްތާގައި އިންޑިއާގެ ޝާކް ޓޭކް ކުންފުންޏާ ޙަވާލުކޮށްފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއްމަސްތެރޭގައި ޝާކް ޓޭކް ކުންފުނިން ޕްރޮޕޯސަލް އެކުލަވާލާއިރު މިކަމަށް ބޭނުންވާ ޓެންޑަރ ޑޮކިއުމަންޓާއި އެގްޒިމް ބޭންކަށް ހުށައަޅަންޖެހޭ ޕްރޮޖެކްޓް ޑީޓެއިލް ރިޕޯޓެއް ހެދުމަށްވެސް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

މިޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ވ.ފެލިދޫ އަދި ތިނަދޫގެ ފެނުގެ ނިޒާމާއި ތިނަދޫގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތެވެ. ރައްޔިތުންގެ މަޖްލީހުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޙުސެއިން ވިދާޅުވީ ފެނާ ނަރުދަމާގެ މިމަސައްކަތްކުރުމަށް ބޭނުންވާ ފަންޑު ހަމަޖެހިފައިވާކަމަށާއި މި ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ އިންޑިރާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުންކަމަށެވެ.