ޚަބަރު

ފަހަތުން އަރާ ރެއާލް މެޑްރިޑުން ރޯމާ ބަލިކޮށްފި


  • ރޭގެ މޮޅާއެކު ރެއާލްއަށް ވަނީ 2 މެޗުން 6 ޕޮއިންޓް ލިބިފަ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރޯމާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު ފަހަތުންއަރާ 4-3 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި 64 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު އެ ޓީމުގެ ކޯޗަކަށް ހުރީ ކުރިން ރޯމާއަށް ކޯޗުކޮށްދިން ހޯސޭ މޮރީނިއޯއެވެ. މޮރީނިއޯ ވަނީ 22-2021 ވަނަ އަހަރުގެ ސީޒަނުގައި ކޮންފަރެންސް ލީގުގެ ތަށި ރޯމާއަށް ހޯދަދީފައެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ 20 ވަނަ މިނިޓުގައި ރޯމާގެ މާޓިން ޑެރޫން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދައިދީފައެވެ.

ނަމަވެސް އޭގެ 5 މިނިޓު ފަހުން ރެއާލް މެޑްރިޑުގެ ޑިއޮމަންޑް ދިން ޕާހަކުން ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި 72 ވަނަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވީ ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 6 ވަނަ މިނިޓުގައި ޑޮނެޔެލް މަލެން ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ރޯމާއަށް ކުރި ހޯދަދީފައެވެ.

ރޯމާއިން ދެވަނަ ފަހަރަށް ލީޑު ނެގިތާ 6 މިނިޓު ފަހުން މަލެން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.

ރޯމާއިން ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް ރެއާލްގެ ކޯޗު މޮރީނިއޯ ވަނީ ޑަމްފްރީސް އާއި ވިނިޝިއުސް ޖޫނިއާގެ ބަދަލުގައި އާޑާ ގުލާ އާއި އެންޑްރިކް ކުޅެން އަރުވާފައެވެ.

ރެއާލް މެޑްރިޑުން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި ކާލޯސް އެސްޕީ ކާމިޔާބުކޮށްދިންތާ 2 މިނިޓު ފަހުން އެންޑްރިކް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވެފައިވަނީ މެޗުގެ 90 ވަނަ މިނިޓުގައި އެންޓޯނިއޯ ރުޑިގާ ކާމިޔާބުކޮށްދީފައިވާ ލަނޑުންނެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑަށްވަނީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ކުޅުނު 2 މެޗުންވެސް މޮޅުވެ 6 ޕޮއިންޓް ލިބިފައެވެ.