އައްޑޫސިޓީގައި ތިބި ތެލެސީމިއާ ކުދިންނާއި މީހުންނަށް އެހީވުމުގެ ގޮތުން އުފައްދާފައިވާ އައްޑޫ ތެލެސީމިއާ ސޮސައިޓީ އިފްތިތާޙް ކޮށްފިއެވެ.
އައްޑޫ ތެލެސީމިއާ ސޮސައިޓީ އިފްތިތާޙް ކޮށްފައިވަނީ، މިކަމަށް ޓަކައި މަރަދޫ ބޮނޑޮގޭގައި ބޭއްވި ޖަލްސާގައެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވައިސްޗެއާރޕާސަން ޖީހާން ސަލީމެވެ. މިރަސްމީއްޔާތުގައި އައްޑޫ ތެލެސީމިއާ ސޮސައިޓީ އިފްތިތާހް ކޮށް ބޯޑު މެމްބަރުން ވަނީ އިންތިޚާބު ކޮށްފައެވެ. ބޯޑު މެމްބަރު އިންތިޚާބު ކުރުމަށް ފަހު އައްޑޫ މޭޑިސިޓީ އާއި މިޖަމީއްޔާ ދެމެދު ވަނީ އެހީތެރިކަމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެގޮތުން މިއެއްބަސް ވުމުގެ ދަށުން މިޖަމީއްޔާގައި ރެޖިސްޓަރ ކޮށްފައިވާ ކުދިންނަށް އައްޑޫ މެޑިސިޓީން ދެވޭ ބައެއް ޚިދުމަތްތަކުގައި ޚާއްޞަ އިނާޔަތްތަކެއް ދެވޭނެ ކަމަށް އެޖަމީއްޔާއިން ބުނެއެވެ.
މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗެއަރޕާސަން ޖީހާން ވިދާޅުވީ، މިފަދަ ޖަމީއްޔާ އެއް އުފެދިގެން އަންނަ އިރު އެންމެ މުހިންމު ކަމަކީ އެކުވެރިކަމާއި އެއްބާރުލުން ކަމަށާއި، ހުރިހާ މުޢައްސަސާތަކާއި އެކު ބަދަހި ގުޅުމެއް ބޭއްވުން ކަމުގައެވެ. މީގެ އިތުރުން ލޭއަޅާ ކުދިންނަށް ދޭން ޖެހޭ މަޢުލޫމާތު އަބަދުވެސް ފޯރުކޮއްދިނުމުގެ މުހިންމު ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އައްޑޫގައި ތެލެސީމިއާ ސޮސައިޓީ އެއް އިފްތިތާހް ވެގެން އައިއިރު މި ޖަމީއްޔާގެ ރައީސް އަހްމަދު ޝަރީފް ޕީއެސްއެމް އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެފަރާތުން އެންމެ ފުރަތަމަ ކުރަމުން ދާނީ އައްޑޫގައި ދިިރިއުޅޭ ލޭ އަޅާ ކުދިންގެ ވަކި ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. އަދި ގިނަ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގައިގެން މިފަދަ ކުދިންނާއި މީހުންނާ ގާތް ގުޅުމެއް ބާއްވައިގެން ގުޅިގެން މަސައްކަތް ކުރުމަށް އަމާޒު ހިފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިޖަމީއްޔާ އިފްތިތާޙް ކުރުމަށް ފަހު ޖަމީއްޔާއިން ވަނީ ފަންޑު ފޮއްޓެއް ހުޅުވާފައެވެ. މިއީ އެޖަމީއްޔާގެ ހިންގުމުގެ ކަންކަމުގައި އެހީ ވުމަށާއި، ލޭއަޅާ ކުދިންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ހުޅުވާލެވުނު ފަންޑު ފޮއްޓެ ކަމަށް އެފަރާތުން ބުނެއެވެ. އައްޑޫ ތެލެސީމިއާ ސޮސައިޓީ އަކީ ވަކި ޖަމްޢިއްޔާއެއް ނަމަވެސް، ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މިޖަމީއްޔާ އެކު ގާތުން ޕޭރެންޓް ބޮޑީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާނެ ކަމަށް ބުނެފައެވެ.