ތަރައްްޤީ

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓްކުރާނެ ފަރާތެއް މިދަނީ ހޯދަމުން - ޕްލޭނިންގ މިނިސްޓްރީ


ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓްކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޝަނަށް ގެނެއައުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ކުރަމުންދާއިރު، މާފަރު އެއަރޕޯޓް ސެޕްޓެމްބަރުމަހުގެ ތެރޭގައި ހުޅުވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ މިދިޔަ އޯގަސްޓްމަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް މިހާތަނަށްވެސް އެއަރޕޯޓް ހުޅުވާފައެއްނުވެއެވެ.

މާފަރު އެއަރޕޯޓް ހުޅުވުން ލަސްވަމުންދާ ސަބަބާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މާފަރު އެއަރޕޯޓް އޮޕަރޭޓްކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އޮޕަރޭޓަރަކު ފައިނަލް ކުރުމަށް ނެގޯޝިއޭޓްކުރުމުގެ ކަންކަން މިހާރު ކުރިއަށްދާކަމަށެވެ.

ނަމަވެސް އެކަމުގެ އިތުރު ތަފްޞީލެއް އަދި އެއަރޕޯޓް ހުޅުވޭނެ ވަކި ތާރީޚެއްވެސް އެ މިނިސްޓްރީއަކުން ހާމަކުރައްވާފައެއްނުވެއެވެ.

މާފަރު އެއަރޕޯޓުގެ މަސައްކަތް މިހާރު ބަލަހައްޓަމުންދަނީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުންނެވެ.

އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ. މާފަރު ރަންވޭގެ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ. އަދި އިންޓަރނޭޝަލް ދަތުރުތަކަށް ރަންވޭ ޓެސްޓް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ.

ވައިގެ އުދުހުމުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ، އޭ ތްރީ އެއިޓީ މަރުކައިގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ދާދިފަހުން ވަނީ ނިންމާފައެވެ. އަދި އެކަމަށް ބޭނުންވާ އީ.އައި.އޭގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ.