ތިމާވެށި

ކުނި މެނޭޖްކުރާނެ ގޮތުގެ ޤައުމީ ސިޔާސަތެއް އެކުލަވާލަނީ


ރާއްޖޭގައި
ކުނި މެނޭޖްކުރާނެ ގޮތުގެ ޤައުމީ ސިޠާސަތެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން
އަންނަކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.



އެންވަޔަރަމަންޓް
މިނިސްޓްރީގެ ނައިބު އަލީ އާމިރު ވިދާޅުވީ މިއަދާއި ހަމައަށް އައި އިރު ކުނި
ހެޔޮގޮތުގައި މެނޭޖްކުރާނެ ޒަމާނަށް ފެތޭ ސިޔާތެއް އެކުލަވާލެވިފައިނުވާކަމަށެވެ.
އަދި މިހާރު އެކުލަވާލަމުންދާ ސިޔާސަތު މިހާރު އޮތީ ކެބިނެޓްގައި މަޝްވަރާކުރާ
ހިސާބުގައިކަމަށާއި މި ސިޔާސަތު ނިމުމުން ކުނިމެނޭޖްކުރުމުގެ ގޮތްތަކަށް ބޮޑެތި
ބަދަލުތަކެއް އަންނާނެކަމަށެވެ.



 އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ސިޔާސަތުގެ ތެރެއިން މާލޭގެ
ސަރަޙައްދުގައި ކުނި މެނޭޖްކުރުމަށް ވަކި ޕްލޭނެއް ތައްޔާރުކުރަމުން އަންނަކަމަށެވެ.
އަދި މުޅި ރާއްޖެއަށް ކަނޑައަޅާ ވޭސްޓްމެނޭޖްމަންޓް ސިޔާސަތުގެ ތެރެއިން
އަތޮޅުތެރޭގައި ޤާއިމުކުރާނީ ކޮމިއުނިޓީ ބޭސް ވޭސްޓް މެނޭޖްމަންޓް
ސިސްޓަމެއްކަަމަށާއި މޭލޭގައި ގައިމުކުރާނީ ކޮމާރޝަލް ބޭސްޑް ސިސްޓަމެއްކަމަށްވެސް
އެ މިނިސްޓްރީން ބުނެއެވެ.



އެންވަޔަރަމަންޓް
މިނިސްޓްރީގެ ނައިބު އަލީ އާމިރު ވިދާޅުވީ ސަރުކާރުގެ
ވިސްނުމަކީ ރާއްޖެ ރީޖަންތަކަށްބަހައިގެން ރީޖަނަލް ވޭސްޓް މެނޭޖްމަންޓް
ފެސިލީޓީތަކެއް ހެދުންކަމަށެވެ. އަދި މީގެ އިތުރުން ނ،ރ،ބ އަދި ޅ ހިމެނޭ
ސަރަޙައްދުގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލީޓީއެއް ގައިމްކޮށް ނިމުމުގެ
މަރުހަލާގައިވާކަމަށްވެސް އާމިރު ވިދާޅުވިއެވެ.



މީގެ އިތުރުން އަލަށް އެކުލަވާލެވޭ ސިޔާސަތުގެ
ދަށުން ދެތިން ކޮންސެޕްޓެއް ތައާރަފްކުރެވިގެންދާނެކަމަށްވެސް އާމިރު ވިދާޅުވި. އެގޮތުން
ކުނި އުފައްދާ ފަރާތުން ކުނި ނައްތާލުމަށް ޚަރަދުކުރަންޖެހޭނެކަމަށާއި،
އެހެންކަމުން ވޭސްޓްމެނޭޖްމަންޓްގެ މަސައްކަތްކުރާނީ ރަށްރަށުންނަމަ އެރަށެއްގެ
ކައުންސިލުން، ކުނި އުފައްދާ ފަރާތްތަކުން ފީއެއް ނަގައިގެންކަމަށް އާމިރު ވިދާޅުވިއެވެ.
އަދި ކުންޏަށްވާ ޒާތުގެ ބާވަތެއް އުފައްދާ ކުންފުނިންވެސް އެ ޕްރޮޖެކްޓެއްް
އުފެއްދުމަށްފަހު އެ އުފައްދާ ބާވަތުގެ ކުންޏަކަށް ޒިންމާވާނެކަމަށް އޭނާ ވިދާޅުވިއެވެ.



 ކުނީގެ މައްސަލައަކީ މުޅި ރާއްޖެއަށްވެސް
ކުރިމަތިވެފައިވާ ތިމާވެށީގެ ގޮތުން ވަރަށްބޮޑު މައްސަލައެކެވެ. މިކަން
ޙައްލުކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު
ފަރުދީގޮތުން އަދާކުރަންޖެހޭ ޒިއްމާ ބޮޑުކަން އެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކުރައްވައެވެ.