ވިޔަފާރި

ފަންނު އެކްސްޕޯގައި ވާދަކުރުމުގެ ބައިން ތަކެތި ހުށައެޅުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް


ފަންނު އެކްސްޕޯގައި ވާދަކުރުމުގެ ބައިން ތަކެތި ހުށައަޅާފަރާތްތަކަށް މިމަހުގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ މާކެޓިންގ ފާތުމަތު ހިމާ މުޙައްމަދު ވަޙިދު ވިދާޅުވީ، މިމަހުގެ 16 އިން 31 ގެ ނިޔަލަށް މި އެކްސްޕޯއަށް ވާދަކުރުމުގެ ބައިން ތަކެތި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި މިހާތަނަށް 300 އަށްވުރެ ގިނަ އެޕްލިކޭޝަން ފޯމު ލިބިފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވާދަކުރުމުގެ ބައިން ތަކެތި ހުށައެޅުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވީނަމަވެސް، ކޭކް ޑެކަރޭޓްކުރުމުގެ ބަޔަށް ތަކެތި ހުށައެޅުމުގެ މުއްދަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

"މިހާތަނަށް ވަރަށް ބައިވަރު އެޕްލިކޭޝަންތައް އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި. މި މުއްދަތުގެ ތެރޭގައިވެސް ވަރަށް ބައިވަރު ޕްރޮޑަކްޓްސްތައް އެބަލިބޭ. ތަފާތު އެކި މަސައްކަތްތަކުގެ އުފެއްދުންތައް އެބަ ލިބެމުންދޭ." ހިމާ ވިދާޅުވިއެވެ.

ފަންނު އެކްސްޕޯއަށް ވާދަކުރުމުގެ ބައިން ތަކެތި ހުށައެޅުމުގެ އިންތިޒާމްހަމަޖައްސާފައިވަނީ ދަރުބާރުގޭ ފުރަތަމަ ފަންގިފިލާގައެވެ. ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެދުރުފަހު 3 ޖެހުމާއި ހަމައަށް ތަކެތި ހުށައެޅޭނެއެވެ.

ފަންނު އެކްސްޕޯގައި 6 ދާއިރާއަކުން ވާދަކުރެވޭނެއެވެ. މި 6 ދާއިރާ މައިގަނޑު 14 ގިންތިއަކަށް ބަހާލާފައިވާއިރު، މުޅި ޖުމްލަ 78 ގިންތިން ވާދަކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މުޅި އެކްސްޕޯގައި ޖުމްލަ 635 ވަނައެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަންވަނައަށް 5 ފަރާތެއް ހޮވައި 1 މިލިއަން ރުފިޔާގެ ލުއިލޯނު ދިނުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 22 އިން 28ގެ ނިޔަލަށެވެ.