އިއްޔެގެ ވަގުތެއްގައި އަޑިޔަށްދިޔަ ސަޕްލައިޔަރ ބޯޓުގައި އެސްޓީއޯގެ 1500 ކިލޯ ފިޔާ ހުރިކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ މީޑިއާ ކޯޑީނޭޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ އިންޑިއާއިން ފިޔާ ހިފައިގެން ރާއްޖެއަށް ދަތުރުކުރަމުން ދަނިކޮށް އިއްޔެ އަޑިއަށް ގޮސްފައިވަނީ އެސްޓީއޯގެ ފިޔާ ޝިޕްމަންޓެއް ހިފައިގެން ދަތުރުކުރި ބޯޓެއްކަމަށާއި މި ބޯޓުގައި 1500 ކިލޯގެ ފިޔާ ހުރިކަމަށެވެ. އޭނާ ވިދާޅުވީ ޝިޕިންގ އިންޝުއަރެންސް ހަދާފައި ވުމާއެކު އެސްޓީއޯއަށް މިހާދިސާއިން މާބޮޑު ގެއްލުމެއް ކުރިމަތިނުވާނެކަމަށެވެ.
އިންޑިއާއަށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެޤައުމުން ފިޔާ އެކްސްޕޯޓުކުރުން ވަގުތީގޮތުން ހުއްޓާލުމާއެކު ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭ ފިޔާގެ އަގު ބޮޑުވެގެންދިޔައެވެ. އެގޮތުން 80ރ އަށް ވުރެ މައްޗަށް ފިޔާ ކިލޯއެއް އަދި 1000 އަށް ވުރެ މައްޗަށް ފިޔާ ބަސްތާއެއްގެ އަގު އުފުލިގެން ދިޔައެވެ.
އެހެންނަމަވެސް މިހާރު ބާޒާރުގައި ފިޔާގެ އަގު ވަނީ ހެޔޮވެފައެވެ. އެގޮތުން މިހާރު ފިޔާ ކިލޯއެއް ބާޒާރުގައި އުޅެނީ 20-25 ރ އާއި ދޭތެރޭގެ އަގެއްގައެވެ.
ވިޔަފާރިވެރިން ބުނަނީ އަލަށް ގެންނަ ފިޔާ ޝިޕްމަންޓްތަކާއެކު މިއަށްވުރެ ވެސް ފިޔާގެ އަގު ހެޔޮވެގެންދާނެކަމަށެވެ.