ޚަބަރު

ނައިފަރުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫޢު ކުރިއަށް ނުގެންދެވޭނެކަމަށް ބަނޑާރަނައިބް އަންގަވައިފި


ޅ.ނައިފަރުގައި ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫޢު ކުރިއަށް ނުގެންދެވޭނެކަމަށް ހައުސިން މިނިސްޓްރީއަށް ބަންޑާރަ ނައިބް އަންގަވައިފިއެވެ.

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރ އާމިނަތު އާތިފާ ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށް އަންގަވައި ބަންޑާރަ ނައިބް އެ މިނިސްޓްރީއަށް މިއަދު ސިޓީފުޅެއް ފޮނުއްވާފައިވާކަމަށެވެ.

މިއަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރޭގައި ޅ.ނައިފަރުގައި 100 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ވަނީ ހިމަނާފައެވެ. ޅ.ނައިފަރުގައި 100 ހައުސިން ޔުނިޓް ޢިމާރާތްކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވަނީ މިދިޔަ މާރޗްމަހުގެ ތެރޭގައެވެ.

އެރަށުގައި 100 ހައުސިންގ ޔުނިޓް ޢިމާރާތްކޮށްދެއްވާނެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރެއްވީ އެމްޑީޕީގެ ކެމްޕެއިން ދަތުރުފުޅެއްގައި ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ. އެމަނިކުފާނުވަނީ ނައިފަރުން، އިތުރު 52 ހެކްޓަރުގެ ބިން ހިއްކަވާދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. ނައިފަރަކީ އާބާދީގައި 5473 މީހުން ދިރިއުޅެމުންދާ ރަށެކެވެ.

އެރަށުގައި އަލަށް ތަރައްޤީކުރަން ނިންމި ހައުސިންގ ޔުނިޓްތައް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހިއްކިބިމުގައެވެ. އެއީ އެއް ލައްކަ އެގާރަ ހާސް އަކަފޫޓުގެ ބިމެކެވެ. ބިމުގެ ދަތިކަން ޙައްލުކުރުމަށް 2004 ވަނަ އަހަރުވެސް ވަނީ ނައިފަރުގެ ބިންހިއްކާފައެވެ. އަދި 2012 ވަނަ އަހަރު އެރަށުން 300 ގޯތި ދޫކޮށްފައިވެއެވެ. ނައިފަރު ކައުންސިލުން ވިދާޅުވީ މިހާރުވެސް ގޯތި ބޭނުންވާ 1000 އަށްވުރެ ގިނަ މީހުން އެރަށުގައި ތިބިކަމަށެވެ.