ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ކާށިދޫން 5 މީހުން ހައްޔަރުކޮށްފި


  • ކާށިދޫގެ 10 ގެއެއް ބަލައި ފާސްކޮށް 10 މީހުން ހައްޔަރުކުރި

  • 5 މީހުން ވަނީ ދޫކޮށްލާފައި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކާށިދޫން 5 މީހުން ހައްޔަރުކޮށްފިއެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކ.އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި އިއްޔެގެ ވަގުތެއްގައެވެ.

މިއޮޕަރޭޝަންގައި ކާށިދޫ 10 ގެއެއް ބަަލައި ފާސްކޮށް 10 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ. އޭގެތެރެއިން ހަތަރު މީހުން ވަނީ ދޫކޮށްލާފައެވެ. އަނެއް 6 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ކޯޓުން ދޫކޮށްލާފައެވެ.

މިއޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 32.55 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން، ކ. ކާށިދޫ، ރިހިތަރި އުމުރުން 30 އަހަރުގެ މުޙައްމަދު އަޙުދު އާއި، ގދ. ރަތަފަންދޫ، ދިލްޝާދުގެ އުމުރުން 26 އހަރުގެ ޣާނިމް މުފީދު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ކ. ކާށިދޫ، ރެޑިއަމްގެ އުމުރުން 37 އަހަރުގެ ޢަބްދުލްޢަލީމް މުޙައްމަދު އާއި، ގ. މާލެހިޔާ 2 02-13 އުމުރުން 29 އަހަރުގެ މަދީޙް ރަޝީދު އާއި، ކ. ކާށިދޫ، ޝަބްނަމްގެ އުމުރުން 22 އަހަރުގެ ނަޒާން މުޙައްމަދު ޝާކިރު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.