ޚަބަރު

"ޤާނޫނަށް ގެނައި ބަދަލުން ރިސޯޓްތަކުގެ ޚަރަދުތަކަށް ދަތިނުވާނެ"


  • ރައީސް ވިދާޅުވީ ވަރަށް ގިނަ ދިރާސާތައް ހެދިކަމަށް

  • ޖުމުލަ އާމްދަނީގެ %40 އެމްއެމްއޭއަށް މާރުކުރަން ވަނީ ބަދަލު ގެނެސްފައި

ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރިސޯޓްތަކުގެ ޚަރަދުތަކާއި ހިންގުމަށް އެއްވެސް ދަތިކަމެއް ނައިސް އެކަން ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ މިބަދަލު ގެނެސްފަވައިވަނީ ފަންނީ ބޭފުޅުން އެތައް ދިރާސާއެއް ކުރުމަށްފަހުގައިކަމަށެވެ.

ކުރިން ޤާނޫނުގައިވާގޮތުން އެފަރާތްތަކުން މާރުކުރަންޖެހޭނީ އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ %20 އެވެ. ނަމަވެސް ސަރުކާރުން މިހާރު މި ގެނައި އިސްލާހާއެކު، ކެޓަގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %40 ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

ބިލު ތަސްދީޤުކުރައްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، މި ބަދަލު ގެންނަން ނިންމީ ޢިލްމީ ފަންނީ އަދި ޤާބިލު ފަރާތްތައް މެދުވެރިކޮށް، ތަފާސް ހިސާބުތަކަށް ބަލާ، ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައިކަމަށެވެ.

ރައީސް ވިދާޅުވީ އާމްދަނީގެ %40 އެމްއެމްއޭއަށް މާރުކުރި ނަމަވެސް، ރިސޯޓްތަކުގެ ހިންގުމަށް އެއްވެސް ދަތިކަމެއް ނައިސް އެކަން ކުރެވޭނެކަމަށެވެ.

"ހިސާބުތަކުން އެބަ ފެނޭ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫން. ލޯނުތައް މުސާރަ އަދި ޚަރަދު ކަނޑާފައި ޑޮލަރުން %40 ދެއްކޭނެ. މިއީ ރައްޔިތުންގެ ހެވާ ލާބައަށް ކުރާ ކަމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިއީ ޤައުމީ ޒިންމާއެއްގެ ގޮތުގައި ދެކިގެން މިކަމުގައި ރިސޯޓުތަކުން އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ. މި ފައިސާއަކީ ރައްޔިތުންނަށް މަންފާވާ ބޭނުންވާ މުހިންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާނެ ފައިސާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" 40% އަށް ބަދަލުވީމަ އެ ފައިސާ ބޭނުންކުރެވޭނީ ރާއްޖެ އެތެރެކުރާ އަސާސީ މުދަލަށް ޓީޓީ ހެދުންފަދަ ކަންކަމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ފަރުވެރިކަމުގެ ސިނާޢަތަށް 5.6 ޑޮލަރު ލިބުނުއިރު، ރާއްޖޭގެ ބޭންކިންގ ނިޒާމުގެތެރެއަށް ވަނީ 3.8 ބިލިޔަން ޑޮލަރުކަމަށެވެ. މީގެތެރެއިން ބޭންކަށް މާރުކޮށްފައިވަނީ %21 ކަމަށެވެ. އަދި މި ޤާނޫނު އައުމުގެ ކުރިން މާރުކުރަމުންދިޔައީ %10ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މި ޤާނޫނުގެ ބޭނުމަކަށްވަނީ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ހެޔޮ ބަދަލެއް ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ.

ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާހުކުރުމަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުވަނީ ތަސްދީގުކުރައްވާފައެވެ.