މުނިފޫހިފިލުވުން

އަޖޭ ދޭވްގަންގެ "ތަނާޖީ" ފުރަތަމަ ލުކް


ދުވަސްތަކެއް ވަންދެން އިންތިޒާރީގައި ބޭއްތިއްބުމަށްފަހު އަޖޭ ދޭވްގަންގެ "ތަނާޖީ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ. މި ފިލްމު ބިނާކޮށްފައިވަނީ އިންޑިއާގައި ޝިވާޖީ މަހަރާޖްގައި މިލިޓަރީލީޑަރެއްގެ ގޮތުގައި މަޝްހޫރު ތަނާޖީ މަލްސުރޭ ގެ ހަޔާތުގެ މައްޗަށެވެ.

އޯމް ރައުޓް ޑައިރެކްޓް ކުރާ މި ފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ އަޖޭ ދޭވްގަން އާއި ސައިފް އަލީ ހާން އެވެ. އަޖޭ ފެނިގެންދާނީ ތަނާޖީގެ ރޯލުންނެވެ. ސައިފް އަލީ ހާން ފެނިގެންދާނީ ރާޖްޕުޓްގެ އޮފިސަރެއްކަމަށް އުދޭބަން ރަތޯޑްގެ ރޯލުންނެވެ.

މި ފިލްމުގެ ފުރަތަމަ ދައްކާލުމުގެ ގޮތުން އަޖޭ ދޭވްގަން ވަނީ އޭނާގެ ޓްވިޓަރގައި ފުރަތަމަ ފަހަރަށް ފިލްމުގައި އަޖޭއާއި ސައިފް ފެންނާނެ ގޮތް ދައްކާލާފައެވެ. ތީރީޑީކޮށް ނެރޭ މި ފިލްމް ސްކްރީންތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދިހަވަނަ ދުވަހުއެވެ.

މި ފިލްމާއި އެކު އަޖޭއާއި ސައިފް އެއްކޮށް ސްކްރީނުން ފެނިގެން މި ދަނީ ބާރަ އަހަރަށްފަހު އެވެ. މި ދެތަރިން އެކުގައި މީގެކުރިން ބައެއް ފިލްމުތަކުން ފެނިގެންގޮސްފައިވާއިރު މީ މި ދެތަރިން އެއްކޮށް ފިލްމަކުން ފެންނަ މީ ހަތަރު ވަނަ ފަހަރުއެވެ. މީގެކުރިން އަޖޭ އާއި ސައިފް އެްކޮށް ފެނިފައިވަނީ " ކައްޗޭ ދާގު " " އޮމްކާރާ" އަދި " ލޮކް ކާރގިލް " އިންނެވެ.

"ތަނާޖީ" މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަޖޭއާއި ސައިފްގެ އިތުރުން ކާޖޮލް، ޖަގަޕަތީ ބާބޫ، ޕަންކަޖް ތިރިޕަތީ ހިމެނެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަދުވަހު މި ފިލްމު ރިލީޒްކުރާއިރު ދީޕިކާ ޕަޑުކޯނާއި ކުރިމަތިލުމަކަށް ދާން ޖެހޭނެއެވެ. ސަބަބަކީ ދީޕިކާ ލީޑް ރޯލުން ފެނިގެން "ޗަޕާކް" ވެސް ރިލީޒްކުރަން ހަމަޖެހިފައިވަނީ ހަމަ މި ދުވަސްވަރުއެވެ. އެސިޑް ވިކްޓިމް ލަކްސްމީ އަގަރަވާލް ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ނެރޭ މި ފިލްމަށްވެސް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.