އަތޮޅުތައް

މަހިބަދޫގެ ތަރައްގީއާ ގުޅިފައިވާ މަގުހެދުމުގެ މަޝްރޫޢު ފަށަނީ


އދ. މަހިބަދޫގެ 19 މަގެއް ހިމެނޭގޮތުން 1.32 ކިލޯ މީޓަރުގެ މަގު ރަނގަޅުފެންވަރަކަށް ހަދާ ނިމުމުން، ވިއްސާރަ މޫސުމުގައި ރަށުތެރޭގައި ފެންބޮޑުވުމުން ދިމާވަމުންދާ އުނދަގޫތަކާއި ދަތިތަކުން ސަލާމަތްވެ، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، މެހެމާނުންނަށް ފަސޭހަތަކެއް
ވެގެންދާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.



ސަރުކާރުން މަހިބަދޫގެ މަގުތައް ހެދުމަށް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް
ކޯޕަރޭޝަން އާ ހަވާލުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. 



އާބާދީގައި 2700 މީހުން ދިރިއުޅޭ މަހިބަދޫއަކީ އދ.
އަތޮޅުގެ ވެރިކަން ކުރާ ރަށުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް އެސަރަހައްދުގެ
އެހެން ރަަށްރަށުގެ މީހުން ޒިޔާރަތް ކުރާ އެއްރަށެވެ.  ބޭންކުގެ ހިދުމަތާއި، ހޮސްޕިޓަލްގެ
ހިދުމަތްފަދަ މުހިންމު ހިދުމަތްތައް މިރަށުން ދޭއިރު، އެސަރަހައްދުގައިވާ
ރަށްރަށުގެ އިތުރުން އެހިސާބުގައި ވާ ރިޒޯޓްތަކުގެ މުވައްޒަފުން ވެސް އެކިއެކި
ބޭނުންތަކުގައި މަހިބަދޫ އަށް އައިސް ގޮސްވެއުޅެއެވެ.



ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާ
ގުޅޭގޮތުން ކައުންސިލް އިދާރާއިން ބުނީ، ރަނގަޅު ފެންވަރަކަށް ހަދާނެ މަގުތައް
ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވަނީ ކައުންސިލާވެސް ވާހަކަ ދައްކައިގެން
ކަމަށާއި، ބޮޑަށް ބަލާފައި ހުންނާނީ، ރަށުގައި ފެންބޮޑުވާ މަގުތަކަށް އިސްކަންދޭ
އުސޫލުންކަމަށެވެ. އެގޮތުން ބޭންކާއި، ހޮސްޕިޓަލާއި، ސްކޫލް ފަދަ ސަރުކާރުގެ
ޢިމާރާތްތައް ހިމެނޭ މަގުތައް ހިމަނާފައިވާނޭކަމަށް ކައުންސިލް އިދާރާއިން
ބުނެއެވެ. މިމަގުތައް ހަދާ ނިމުމުން ހިނގާބިނގާވެ އުޅުމާއި، އެއްޗެހި ދުއްވުމުގައި
ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެން ދާނޭކަމަށް ކައުންސިލް އިދާރާއިން
ފާހަގަކުރެއެވެ.    



މަހިބަދޫގެ މަގުތަކަކީ ވިއްސާރަވުމުން ވަރަށްބޮޑަށް
ފެންހެދި ހިނގާބިނގާވެއުޅުމަށާއި، ދުއްވާއެއްޗެހި ދުއްވުމަށް ދަތި ރަށެކެވެ. އަދި
މިކަމަށް އަމިއްލަ ހައްލެއް ހޯދުމުގެ ގޮތުން ވަރަށް ގިނަ މަގުތަކާ ގޯޅިތަކުގައި
އަމިއްލަ މީހުން ދުވާރު ހަދާ ބޭނުން ކުރަމުންދާ ރަށެއްވެސްމެއެވެ.



ޖުމްލަ 27
މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދިއުމަށް
ހަމަޖައްސަވާފައިވާ މަހިބަދޫ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 380 ދުވަހުންނެވެ.