ތިމާވެށި

މާލޭގެ މަގުމައްޗަށް ކުނިއަޅާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ- އީޕީއޭ


މާލޭގެ މަގުތަކަށް ކުނިއަޅަމުންދާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.އެއެޖެންސީން ނެރުނު ނޫސްބަޔާނެއްގައިވަނީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ ގެތައް ސާފްކުރުމަށްފަހު ނެގޭ ކުނި އުކާލުމުގައި އެހީތެރިވެދިނުމަށް ހައުސިންގ މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ހިންގި ކުނި ނެގުމުގެ ހަރަކާތް ނިމިފައިވަނިކޮށް ބައެއް ފަރާތްތަކުން އެކި ބާވަތުގެ ކުނި މާލޭގެ މަގުތަކަށް އަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް މަގުމައްޗަށް ކުނިއެޅުމަކީ ކުނި މެނޭޖްކުރުމާބެހޭ ޤަވާޢިދުގެ ދަށުން މަނާކަމެއް ކަމަށާއި މިޤަވާޢިދުގައިވާ ގޮތުން ކުނިއެޅޭނީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ދީފައިވާ ތަންތަނަށް ކަމަށް އެއެޖެންސީގެ ނޫސް ބަޔާނުގައިވެއެވެ. އެހެންކަމުން މާލޭގެ މަގުތަކަށް ކުނި އަޅަމުންދާ ފަރާތްތައް  ކުނި އެޅިތަނާއި ކުނި އެޅިމިންވަރަށް ރިޢާޔަތްކޮށް ކުނި މެނެޖްކުރުމާބެހޭ ޤަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީން ނެރުނު ނޫސް ބަޔާނުގައި ހާމަކުރައްވާފައިވެވެ.އެއެޖެންސީން މިގޮތަށް ހާމަކޮށްފައިވާއިރު މިހާރު މާލޭގެ މަގުތަކަށް އަޅަމުންދާ ކުންޏަށް ޒިންމާ ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުވެސްވަނީ ވިދާޅުވެފައެވެ.މިނިސްޓަރު މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރަމަޟާން މަހަށް މާލޭގެ ގެތައް ސާފުކުރުމުން އުފެދޭ ކުނި އުކާ ދިނުމުގެ ހަރަކާތް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން ދެން މަގުމައްޗަށް ނެރެ ބަހައްޓާ ކުނިތައް ހައުސިން މިނިސްޓްރީން ނަގަމުން ނުދާނެ ކަމަށެވެ.ރަމަޟާން މަހަށް މާލޭގެ ގެތައް ސާފުކުރުމުން އުފެދޭ ކުނި އުކާ ދިނުމުގެ ހަރަކާތް ހިންގާފައި ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ."ސާފު ރާއްޖެ" މި ޝިއާރު ދަށުން ރޯދައަށް މާލެތެރެ ސާފު ކުރުމަށް ހޯމަ ދުވަހު ފެށި ޕްރޮގްރާމް ނިންމާލިއިރު 400 އަށްވުރެ  ގިނަ ލޮރީގެ ކުނި އުކާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީ މައުލޫމާތުދެއެވެ. އެގޮތުން އިއްޔެއާއި ހަމައަށް ފަސްސަތޭކައަށްވުރެ ގިނަ ލޮރީގެ ކުނި އުކާލާފައިވާކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.