ޚަބަރު

ފަޅުރަށެއްގައި ބަނދެފައި އޮތް ވެލައެއް، އީޕީއޭއިން ސަލާމަތްކޮށްފި


ރ.އަތޮޅުގެ ފަޅުރަށެއްގައި ގަހެއްގައި އައްސާފައި އޮތް ވެލައެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއާއި އެންވާރަމެންޓް މިނިސްޓްރީގެ މުވައްޒަފުން ސަލާމަތްކޮށް، މޫދަށް ދޫކޮށްލައިފިއެވެ.

ރ.ގާއުނޑޫދޫގައި ވެލައެއް އައްސާފައިވާކަމަށް ދެކެވުނު ވާހަކައާކާ ގުޅިގެން މިނިސްޓްރީއާއި އީޕީއޭގެ މުވައްޒަފުންވަނީ އެރަށަށްގޮސް، އެ ވެލާ ސަލާމަތްކޮށްފައެވެ. މި ވެލާއަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަމަށް މިކަމުގައި މަސައްކަތްކުރި ޓީމުންވަނީ ބުނެފައެވެ.

ޙިމާޔަތްކޮށްފައިވާ މިފަދަ ދިރުންތަކަށް ގެއްލުން ދޭތީ އެންވަޔަރަމެންންޓް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި، މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ، އެވެލާގެ ދެ ފިޔަފަތްގަނޑު އައްސައި، ވެލާ އޮތީ ފުށުން ޖަހައި ހައްޔަރުކޮށްފައިކަމަށެވެ.

އޭނާ ވިދާޅުވީ މިވެލައަކީ ބޮޑު އަދި ބަރުވެލައެއް ކަމަށާ، ވެލަ އުފުއްލައިލެވުނީވެސް ތިން މީހުންގެ މަސައްކަތުންކަމަށެވެ. ބެލެވޭގޮތުގައި މި ވެލާ އައްސާފައިވަނީ ބިސް އަޅަން އެރަށަށް އަރައި އުޅެނިކޮށެވެ.

ވެލައާއި މިނޫންވެސް މިފަދަ ދިރުންތަކުގެ ތެރެއިން ރާއްޖޭގައި ޙިމާޔަތް ކޮށްފައިވާ ތަކެއްޗާމެދު އިހުމާލު ވުމަކީ ޤާނޫނީގޮތުން ފިޔަވަޅު އެޅޭނެކަންކަމެވެ. އެގޮތުން މިފަދަ ޢަމަލުތައް ހިންގާ މީހުން 30،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭއަށް ލިބިގެންވެއެވެ.

މިކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ މިފަދަ ޢަމަލުތައް ކުރާ މީހުންނާމެދު މިހާރުވެސް ފިޔަވަޅު އަޅަމުން ގެންދާކަމަށެވެ. އަދި މި ޙާދިސާ ހިނގި ގޮތް ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެލައާއި ދޫންޏާއި، ޙިމާޔަތް ކޮށްފައިވާ ސަރަޙައްދުތަކާއި، ތިމާވެށީގެ ދިރުންތައް ޙިމާޔަތްކުރުމުގެ މަސައްކަތްތައް އީޕީއޭއިންދަނީ ކުރަމުންނެވެ. އެގޮތުން މިފަދަ މައްސަލަތައް މީގެކުރިންވެސް ފެންމަތިވެ އެފަދަ ފަރާތްތަކާއިމެދު އީޕީއޭއިން ފިޔަވަޅު އަޅާފައިވެއެވެ.