ޚަބަރު

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އަޅަނީ


މ.ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. މި މަޝްރުޢޫގެ ދަށުން ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ގެވަޅުތަކުގައި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

1100އަކަފޫޓުގެ ބިމުގައި އަޅާ މި ގެ ތަކަކީ މިނިސްޓްރީން ކަނޑައަޅާ ވަކި ޑިޒައިންތަކަށް ހަދާ ގެތަކެކެވެ. މިއިން ކޮންމެ ހައުސިން ޔުނިޓަކީ 3 ކޮޓަރިއާއި، 3 ފާޚާނައާއި ސިޓިންގ ރޫމާއި ބަދިގެއާއި، ދޮންނަ މެޝިން ބަހައްޓާ ތަނެއް ހިމެނޭ ގޮތަށް ހަދާ ގެތަކެކެވެ.

75 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 11 މަހާއި 20 ދުވަހުން ނިންމާގޮތަށެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ދެ ކުންފުންޏެއްކަމަށްވާ ޕްރިސިޝަން އިންޖިނިއަރިން ސަރވިސަސް އާއި ޕީ.އީ.އެސް.މެރިން ސަރވިސަސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކާއިއެވެ.

100 ހައުސިންގް ޔުނިޓް ޑިޒައިން އެންޑް ބިޑް އުސޫލުން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ވިޝާން ނަސީމްއެވެ.
ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޕީ.ޑަބްލިއު ތިލަކަރަތްނައެވެ. ޕީ.އީ.އެސް މެރިން ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ޤާސިމްއެވެ.