ތިމާވެށި

ސާފު ރާއްޖެ މަޝްރޫއުގެ ދަށުން ހުވަދު އަތޮޅުގެ ފަސް ރަށަކަށް 50،000 ޑޮލަރު


ކުނި މެނޭޖް ކުރުމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް އެންވަޔަރމަންޓް މިނިސްޓްރީން ފަށާފައިވާ ސާފު ރާއްޖެ ސްމޯލް ގްރާންޓު މަޝްރޫއުގެ ދަށުން އެކި ހަރަކާތްތައް ހިންގުމަށްޓަކައި ހުވަދު އަތޮޅުގެ ފަސް ރަށުގެ ތެރެއިން ކޮންމެ ރަށަކަށް 10،000 ޑޮލަރުގެ އެހީ ދީފިއެވެ.

މި އެހީ ދީފައިވަނީ ޖަޕާނުގެ ޖަމިއްޔާއެއް ކަމަށްވާ، އިންސްޓިޓިއުޓް ފޯ ގްލޯބަލް އެންވަޔަރަމެންޓަލް ސްޓެރެޓެޖީސް (އައި.ޖީ.އީ.އެސް) އިންނެވެ. އެގޮތުން މި ފަސް ރަށަށް ޖުމްލަ 50،000 ޑޮލަރު ނުވަތަ (771،000 ރުފިޔާ)ގެ ހިލޭ އެހީ ދީފައިވެއެވެ.

އައި.ޖީ.އީ.އެސް އިން އެހީ ދީފައިވަނީ، ކުނި މެނޭޖް ކުރުމާ ގުޅޭ ގޮތުން އެރަށެއްގެ ރައްޔިތުން ހޭލުންތެރި ކުރާނެ ގޮތްތައް ހިމަނައި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށްފަހު، އެ ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށެވެ. އެގޮތުން އެ ފުރުޞަތު ހުޅުވާލީ ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތަކަށެވެ.

ހުވަދު އަތޮޅުގެ ރަށްތަކުގެ ތެރެއިން އައި.ޖީ،އީ.އެސް ގެ ހިލޭ އެހީ ލިބުނު ރަށްތަކާއި ޖަމިއްޔާތައް:

  • 1. ގއ. ގެމަނަފުށި - ވިމަންސް ޑިވެލޮޕްމަންޓް ކޮމިޓީ (10،000 ޑޮލަރު)
  • 2. ގއ. މާމެންދޫ - މާމެންދޫ ޔޫތް އެންވަޔަރމަންޓް ސޮސައިޓީ (10،000 ޑޮލަރު)
  • 3. ގއ. ވިލިނގިލި - އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރމެންޓަލް ކޮމިއުނިޓީ (10،000 ޑޮލަރު)
  • 4، ގދ. ނަޑެއްލާ - އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (10،000 ޑޮލަރު)
  • 5. ގދ. ހޯޑެއްދޫ - ހޯޑެއްދޫ އައިލަންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (10،000 ޑޮލަރު)

މި ފަސް ރަށުގެ ޖަމްޢިއްޔާތަކާއެކު އެންވަޔަރމަންޓް މިނިސްޓްރީން ވަނީ މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ކުނި މެނޭޖް ކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމަށް ރަށު ފެންވަރުގެ ޙަރަކާތްތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިި މަޝްރޫއަކީ ސަރުކާރުގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސްޓްރެޓެޖީއާއި އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެ މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއެކެވެ.