ޚަބަރު

ތިނަދޫ ގޭސް ޕްލާންޓު އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި


މޯލްޑިވް ގޭހުން ޤާއިމް ކުރާ އެންމެ ބޮޑު ގޭސް ޕްލާންޓް ގދ. ތިނަދޫގައި ޤާއިމްކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެނެސްފިއެވެ.

ތިނަދޫއަށް ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނެނީ ޕްލާންޓްގައި ކުރަން ޖެހޭ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ސާމާނެވެ. އެގޮތުން އެ ޕްލާންޓުގައި ބަހައްޓާ ޓޭންކު ބުޑުތަކާއި ޓޭންކް ތައް މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ.

ތިނަދޫގައި މޯލްޑިވް ގޭހުން ތަރައްޤީ ކުރާ ގޭސް ޕްލާންޓްހަދަނީ 90،000 އަކަފޫޓުގެ ބިމެއްގައެވެ. ތިނަދޫ ދެކުނު ފަރާތު ޖެޓީ ސަރަހައްދުގައި އޮންނަ އެ ބިމުގައި އެކުންފުނިން ތަރައްޤީ ކުރާ މިޕްލާންޓަކީ މިހާތަނަށް އެކުންފުނިން އަޅާ އެންމެ ބޮޑު ގޭސް ޕްލާންޓެވެ. އެގޮތުން އެ ޕްލާންޓުގައި 1500 ޓަނުގެ ގޭސް އުފައްދައި، ރައްކާ ކުރެވޭނެ ކަމަށް މޯލްޑިވް ގޭސް އިން މަޢުލޫމާތު ދެއެވެ.

އެސްޓީއޯގެ ސަބްސިޑަރީ، މޯލްޑިވް ގޭހުގެ އަމިއްލަ މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 5.8 މިލިއަން ޑޮލަރެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ ޕްލާންޓުގެ ވެއަރ ހައުސް އަޅައި ނިންމާފައެވެ. ޕްލާންޓު އެޅުމަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާއިރު މޯލްޑިވް ގޭހުގެ އަމާޒަކީ މިއަހަރުގެ ނިޔަކަށް އެ ޕްލާންޓުގެ މަސައްކަތް ނިންމައި ޚިދުމަތް ދެވޭ ވަރު ކުރުމެވެ.