ޚަބަރު

"ދިވެހި ފިލްމް އެވޯޑްސް 9" ނޮވެމްބަރު 14ގައި


"ދިވެހި ފިލްމް އެވޯޑްސް"ގެ އާ އުސޫލު ޢާއްމުކޮށް ޢަމަލުކުރަން ފަށައިފިއެވެ. ނޭޝަނަލް ސެންޓަރ ފޯރ ދި އަރޓްސް އެންސީއޭއިން މިހާރުވަނީ "ދިވެހި ފިލްމް އެވޯޑްސް 9"އަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ފިލްމީ ދާއިރާ "ޑައުން ފޯލް"އަކަށްފަހު އަނެއްކާވެސް މި ފެންނަނީ ފިލްމުތައް އުފައްދާ މިންވަރު އިތުރުވަމުން އަންނަތަނެވެ. ތަފާތު ވައްތަރުގެ މޮޅު ފިލްމުތައް ސިނަމާތަކަށް މިދަނީ އަންނަމުންނެވެ. ނަމަވެސް ފިލްމް ހަދާ ފަރާތްތަކާއި، ފިލްމީ ތަރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮންނަނީ އެމީހުންނަށް އަޅާލާނެ ބައެއް ނެތުމާއި، އެމީހުންގެ މަސައްކަތުގެ އަގު ވަޒަން ނުކުރާ ވާހަކަތަކެވެ.

ފިލްމުތައް މަދުކަމަށްބުނެ މިދިޔަ އަހަރު ބާއްވަން އުޅުނު "ދިވެހި ފިލްމް އެވޯޑްސް 9"ވެސް ބާއްވާފައެއް ނުވެއެވެ. ފިލްމީ ދާއިރާގެ މަސައްކަތްތަކުގެ ބެލެނިވެރި ފަރާތް ނޭޝަނަލް ސެންޓަރ ފޯރ ދި އަރޓްސް އެންސީއޭއިން އަނެއްކާވެސް މިވަނީ މި ދާއިރާ ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިމަހުގެ 2ވަނަ ދުވަހުން ފެށިގެން "ދިވެހި ފިލްމް ފެސްޓިވަލް"އާއި "ދިވެހި ފިލްމް އެވޯޑްސް"ގެ އާ އުސޫލުވަނީ އާއްމުކޮށް އެ ޢުސޫލަށް ޢަމަކުރަން ފަށާފައެވެ.

އާ އުސޫލުގައި ބުނާގޮތުން ދިވެހި ފިލްމް ފެސްޓިވަލްއާއި، ދިވެހި ފިލްމް އޮވޯޑްސް ބާއްވާނީ ކޮންމެ 2 އަހަރަކުންނެވެ. އެގޮތުން ފުރަތަމަ ބާއްވާނީ "ދިވެހި ފިލްމް ފެސްޓިވަލް"އެވެ. "ދިވެހި ފިލްމް އެވޯޑްސް"ގެ ނޮމިނީސް އިޢުލާންކުރާނީ މި ފެސްޓިވަލްގައި އަޅުވާ ފިލްމްތަކުންނެވެ. އެންސީއޭއިން ބުނެފައިވަނީ ފިލްމް ފެސްޓިވަލްގައި "ވާދަކުރާ ބައި" އަދި "ވާދަނުކުރާ ބައި" ހިމެނޭއިރު، ފިލްމް ފެއަރ އެވޯޑްގައި ބައިވެރިކުރެވޭނީ ފެސްޓިވަލްއަށް "ވާދަކުރާ ބައި"ން ހުށައަޅާ ފިލްމްތަކަށްކަމަށެވެ.

މިފަދަ ފިލްމް ފެސްޓިވަލެއް ބޭއްވުމުގެ މަޤްސަދަކީ ދިވެހި ފިލްމް އެވޯޑްސްގައި ބައިވެރިކުރާ ފީޗަރ ފިލްމާއި ޝޯޓްފިލްމާއި ޑޮކިއުމަންޓްރީތައް މެދުވެރިކޮށް ފިލްމް ބަލާ މީހުން އިތުރުކުރުމާއި، ފިލްމުގެ ވިޔަފާރިއަށް ޝަޢުގުވެރިކަން އިތުރުކޮށް، މި ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމެވެ.

އާ އުސޫލުގައި ބުނެފައިވަނީ "ދިވެހި ފިލްމް އެވޯޑްސް"އަށް ހުށައެޅޭނީ 3 ބާވަތެއްގެ ފިލްމްކަމަށެވެ. އެއީ ފީޗަރ ފިލްމް، ޝޯޓް ފިލްމް އަދި ޑޮކިއުމަންޓްރީގެ ބައެވެ. ފީޗަރ ފިލްމްގެ ގޮތުގައި ހިމެނެނީ 60މިނެޓަށްވުރެ ދިގު ފިލްމުތަކެވެ. އަދި ޝޯޓް ފިލްމް ތަކުގެ ގޮތުގައި ހިމެނޭނީ 60 މިނެޓަށްވުރެ ދިގު ނޫން ފިލްމްތަކެވެ.

ޑޮކިއުމަންޓްރީ ބައިގައި ހިމެނޭނީ 90 މިނެޓް ހަމަނުވާ ޑޮކިއުމަންޓްރީތަކެވެ. ޑޮކިއުމަންޓްރީގެ ގޮތުގައި ހިމެނެނީ ރާއްޖޭގައި ހިންގާފައިވާ ޙާދިސާއަކަށް ނުވަތަ ރާއްޖޭގައި އިޖުތިމާޢީގޮތުން މީހުން ހޭލުންތެރިކުރުވުމަށް ބޭނުވެފައިވާ ދާއިރާތަކަށް އަލިއަޅުވާލައި ހަދާފައިވާ ޑޮކިއުމަންޓްރީތަކެވެ.

އެންސީއޭއިން މިހާރުވަނީ އަލުން "ދިވެހި ފިލްމް އެވޯޑްސް 9"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި އެވޯޑަށް އެދި ހުށައެޅޭނީ މިމަހުގެ 10ވަނަ ދުވަހާއި ހަމައަށެވެ. އެންސީއޭއިން ބުނެފައިވަނީ 9ވަނަ ފިލްމް އެވޯޑްސްގައި ބައިވެރިކުރެވޭނީ 2017 އަދި 2018ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމްތައްކަމަށެވެ. އާމުކޮށްފައިވާ އުސޫލުގައި ބުނާގޮތުން 24 ދާއިރާއަކުން އެވޯޑް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެވޯޑް ލިބޭ ފިލްމުތައް ކަނޑައަޅާނީ 7 މެންބަރުންގެ ޖޫރީޕެނަލްއަކުންނެވެ.

އެވޯޑް ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14ވަނަ ދުވަހު އޮލިމްޕަހުގައެވެ.
އަލަށް ނެރުނު އުސޫލްގައިވާ ފިލްމް ފެސްޓިވަލްގެ ބައި ކުރިއަށްގެންދާނީ "ދިވެހި ފިލްމް އެވޯޑް 10"އިން ފެށިގެންނެވެ.