ޚަބަރު

ނޮޅިވަރަންފަރަށް ބަދަލުކުރި 52 ޢާއިލާ އަކަށް ބަދަލު ފައިސާ ދެނީ


ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ ހދ ފަރިދޫއާއި ހދ ކުނބުރުދޫއާއި، ހދ މާވައިދޫއިން ބަދަލުކޮށްފައިވާ ޢާއިލާތަކުގެ ތެރެއިން މިހާތަނަށް ދާއިމީ ބޯހިޔާވައިކަން ލިބިފައި ނުވާ 52 ޢާއިލާއަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ބަދަލުފައިސާ ޙަވާލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނޮޅިވަރަންފަރު ކައުންސިލުން ބުނީ ބަދަލުފައިސާގެ ތެރެއިން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާ ފައިސާ މިހާރު ކައުންސިލަަށް ލިބިފައިވާ ކަމަށެވެ. އަދި މިފައިސާ ލިބެންވާ ގޭގެ ވެރިފަރާތްތަކަށް މިހާރުވަނީ މިފުރުޞަތު ހުޅުވާލާފައެވެ. ފައިސާއާ ޙަވާލު ވުމުގައި ޢަމަލު ކުރަންޖެހޭ އުޞޫލުތައް އެކައުންސިލުން ވަނީ ޢާއްމު ކޮށްފައިއެވެ.

ކައުނސިލުން ބުނީ ފުރަތަމަ ބުރުގައި ކޮންމެ އާޢިލާއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 117000 ރުފިޔާކަމަށެވެ.

މީގެ އިތުރުން ނޮޅިވަރަންފަރު ކައުންސިލުން ބުނީ ގޭގެ ވެރިފަރާތް ނިޔާވެފައިވާ ގޭގޭގެ ފައިސާއާއި، އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް ރަޖިސްޓްރީކޮށްފައިވާ ގޭގޭގެ ފައިސާ ހަވާލުކުރެވޭނީ ހައުސިން މިނިސްޓްރީގެ ލަފަޔާއި އެކު ޝަރުޢީ ކޯޓު މެދުވެރިކޮށް ކަމަށެވެ.