ތަރައްްޤީ

ތިނަދޫ ފްލެޓުތަކުގެ ބީ ކެޓަގަރީގެ ވަގުތީ ލިސްޓު މިހަފްތާތެރޭ އާންމުކުރަނީ


ގދ. ތިނަދޫގައި އަޅާފައިވާ ފްލެޓުތަކުގެ "ބީ" ކެޓެގަރީގެ ފްލެޓުތަކަށް ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓު މިހަފްތާ ތެރޭ އިއުލާން ކުރަން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ "ބީ" ކެޓެގަރީގެ ލިސްޓު މިހަފްތާ ތެރޭގައި އާންމު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ ފްލެޓުތަށް ހައްގުވެރި ފަރާތްތަކާ ވީހާވެސް އަވަހަށް ހަވާލުކޮށްދިނުން ކަމަށެވެ.

"އޭ" ކެޓެގަރީގެ ފްލެޓުތަކަކީ ތިނަދޫގެ ރަށްވެހިކަމުގައި ތިބި ފަރާތްތަކަށް ޚާއްސަ ފްލެޓުތަކުގެ ކެޓަގަރީއެވެ. ބީ ކެޓަގަރީއަކީ އެހެން ރަށްރަށުގެ ރަށްވެހިކަމުގައި ތިބި ފަރާތްތަކަށް ޚާއްސަ ފްލެޓުތަކުގެ ކެޓެގަރީއެވެ.

ސަރުކާރުން ތިނަދޫގައި އިމާރާތްކޮށްފައިވަނީ ޖުމްލަ 120 ފްލެޓެވެ. އޭގެ ތެރެއިން، (އޭ) ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 580 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް އެދި 238 ފޯމު ހުށަހަޅާފައިވެއެވެ. ސީ ކެޓަގަރީގައި ހިމެނޭ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.

ތިނަދޫގައި އަޅާފައިވާ ފްލެޓުތަކުގެ "އޭ" ކެޓެގަރީގެ ފްލެޓުތަކަށް ފޯމު ހުށަހެޅި މީހުންނަށް މާކްސް ލިބުނު ގޮތުގެ ވަގުތީ ލިސްޓު މިދިޔަ ހަފްތާ ތެރޭ ވަނީ އާންމުކޮށްފައެވެ. އެ ކެޓަގަރީގެ ފްލެޓުތަކުގެ މާކްސް ލިސްޓުގައި 41 މާކްސްއަށްވުރެ މަތިން މާކްސް ލިބިފައި ތިބި މީހުންނަށް ފްލެޓު ލިބޭނެކަން ކަށަވަރު ވެފައިވާއިރު ގުރުއަތު ނެގުން އޮންނާނީ 40 މާކްސް ލިބުނު މީހުންގެ މެދުގައެވެ. އެހެން ނަމަވެސް އެލިސްޓު އެކުލަވާލާފައިވަނީ ވަކި މުއްދަތަކާ ހަމައަށް ލިބިފައިވާ މާކްސްގެ މައްޗަށް ރިއާޔަތް ކޮށްގެން ކަމަށްވާތީ ހުށަހެޅޭ ޝަކުވާތަކުގެ ގޮތުން ގުރުއަތު ނެގޭނެ މީހުންގެ ލިސްޓަށް ބަދަލު އައިސްދާނެ ކަމަށް އަމްޖަދު ވިދާޅުވިއެވެ.

އެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅާނަމަ އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް އެފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި އާންމުންގެ ފަރާތުން ޝަކުވާއެއް އައިސްފިނަމަ އެފަރާތަކަށް މާކްސް ލިބުނު ގޮތުގެ ތަފްސީލް ކިޔައިދޭން ވަނީ ހަމަޖައްސާފައެވެ.