ޚަބަރު

ކެލާ ހުރިހާ މުވައްސަސާއެއްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ސުކޫލަށް ހަދިޔާ ކުރަނީ


21 ޖަނަވަރީ 2020ގައި ހއ. ކެލާ ޝެއިޚް އިބްރާހީމު ސުކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ހއ. ކެލާގައި ހިމެނޭ ހުރިހާ މުވައްސަސާއެއްގެ މުވައްޒަފުން މިހިނގާ ސެޕްޓެންބަރު މަހުގެ އެއްދުވަހުގެ މުސާރަ ސުކޫލަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ހއ. ކެލާގައި 1440 ވަނައަހަރުގެ ބޮޑުޢީދު ފާހަގަކުރުމަށް ބޭނުންކުރި ޓީޝާޓުވިއްކައިގެން ލިބުނު ފައިސާގެ %20 ވެސް ކެލާ ކައުންސިލުން ވަނީ ސުކޫލަށް ހަދިޔާކުރައްވާފައެވެ.

އެފަރާތުގެ އުއްމީދަކީ ހއ. ކެލައާއި، ޝެއިޚް އިބްރާހީމަށް ނިސްބަތްވާ ކޮންމެ ދަރިއެއްގެ އަދި ބެލެނިވެރިއެއްގެ އެހީތެރިކަން ސްކޫލަށް ލިބުމެވެ. މީގެއިތުރުން މިފަދަ ޙަރަކާތްތަކަށް ޙާއްޞަކޮށް ތަޢުލީމަށް ލޯބިކުރައްވާ ހުރިހާ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަން ސްކޫލަށް ނުހަނު ބޭނުންވާކަން އެފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

އެ ސްކޫލަށް 75 އަހަރުފުރުން ފުރުމަކީ ރަށަށް އަންނަ ބޮޑު ޢީދެއްކަމަށް ދެކި ހއ. ކެލާ ރައްޔިތުންނާއި، އެހާރާއި، މިހާރުގެ ދަރިވަރުންނާއި، ބެލެނިވެރިންވަނީ އެކަތި ގަނޑަކަށްވެފައެވެ. އަދި މިކަމުގައި ކެލާގެ އަންހެން ފިރިހެން ކުދިބޮޑު އެންމެން ތިބީ އެއްރޫޙެއްގައި އެއްޢަޒުމެއްގައެވެ.

އެހެންނަމަވެސް މިމަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވާ ވިލަރެސް ކޮމިޓީން ބުނީ 75 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާ ފަސް ކުރަން ޖެހިދާނެ ކަމަށެވެ.

ޝެއިޚް އިބުރާހީމް ސުކޫލަކީ ހއ. ކެލާގެ އިތުރުން މަދަރުސަތުލް މަޖީދިއްޔާއާއި މުޅި ދިވެހިރާއްޖެ އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ އައްޝައިޚް އިބްރާހީމް ރުޝްދިލް އަޒުހަރީގެ ނަންފުޅަށް ނިސްބަތްވާ ސުކޫލެކެވެ.