ޚަބަރު

ވަށަފަރުން ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި


ރޭ ފަތިހުގެ ވަގުތެއްގައި ވަށަފަރުން ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު މޫދުގައި އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ.

ވަށަފަރު ކައުންސިލްގެ ނައިބް ރައީސް ރައޫފް މަޢުލޫމާތުދެއްވިގޮތުގައި މިމީހާއަކީ އުމުރުން 70 އަހަރަށް ވުރެމަތީގެ މީހެއްކަމަށާ، ރޭފަތިހުގެ ވަގުތެއްގައި އެރަށުމީހެއް ގެއްލިގެން އާއިލާއިން ކައުންސިލަށް 6:10 ހާއިރު ރިޕޯޓް ކުރުމުން ކައުންސިލުން ރައްޔިތުންގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ.

ރައްޔިތުންނުކުމެ ރަށުގެ އެކިސަރަޙައްދާއި މޫދު ސަރަޙައްދު ބަލަމުން ދަނިކޮށް އެމީހާ ފެނިފައިވަނީ އެރަށު ތުނޑިއާ ދިމާއިން އޮޔާދަނިކޮށްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެރަށު ކައުންސިލުންވަނީ މިކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ފާހަގަކުރައްވާފައެވެ.

މިމީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ފަޅުތެރެ ބަލައި ހޯދުމުގައި ޙަރަކާތްތެރިވި ވަށަފަރު ވޯޓާރ ސްޕޯޓްސްގެ ޖެޓްސްކީއަކަށްކަމަށް އެރަށުން މަޢުލޫމާތު ދެއްވި ފަރާތުން ހާމަކުރިއެވެ. ފަޅުތެރެއިން ޖެޓްސްކީގައި ގެނެސް ލޯންޗަކަށް އަރުވައިގެން ބަނދަރު ސަރަޙައްދަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިމީހާ ފެނިފައިވަނީ ހެނދުނު 7:10 ހާއިރުކަމަށާއި މިމީހާގެ ހާލު ރަނގަޅުކަމަށް އެރަށު ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.