ކުޅިވަރު

ސީރިއާ މެޗުގެ ކުރިން ޤައުމީ ޓީމު ސައުދީއަށް


ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ގައުމީ ޓީމު ސައޫދީގައި ކޭމްޕް ކުރަން ނިންމައިފި އެވެ.

ސީރިއާގެ ސަލާމަތީ ފެންވަރު ދަށްކަމުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު މި މެޗު ކުޅޭނީ ޔޫއޭއީގަ އެވެ. އެފްއޭއެމުން މިހާރު ނިންމާފައިވަނީ ސައުދީގައި ކޭމްޕްކޮށް އެ ގައުމުގައި އެކުވެރިކަމުގެ އެއް މެޗު ކުޅުމަށްފަހު ސީރިއާ މެޗަށް ނުކުތުމަށެވެ. މި ތަމްރީނު ދަތުރަށް ގައުމީ ޓީމު މާދަމާ ރާއްޖެއިން ފުރާނެ އެވެ.

ކޮލިފައިންގައި މިހާތަނަށް ރާއްޖެ ކުޅުނީ ދެ މެޗެވެ. ގުއާމާއެކު އެ ގައުމުގައި 1-0އިން މޮޅުވިއިރު ޗައިނާއާއެކު އަމިއްލަ ދަނޑުގައި ބަލިވީ 5-0އިންނެވެ.

ގައުމީ ކޯޗު ޕީޓަރ ސެގްޓް ބުނީ މެޗަށް ތައްޔާރުވާން ޕްރެކްޓިސް މެޗެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މެޗުގެ ބޭނުން ވީ އެންމެ ރަނގަޅަށް ހިފާނެ ކަމަށެވެ. މި މެޗަށް ރާއްޖެއިން ނަގާ ސްކޮޑް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ޓީމާއެކު 28 ކުޅުންތެރިން ގެންދިއުމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ.