ސިއްހަތު

ގުރައިދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީއެއް ހުޅުވައިފި


މާލެ އަތޮޅު ގުރައިދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީއެއް ހުޅުވައި، އެރަށުގައި ހުންނަ ޚާއްސަ އެހީއަށް ބޭނުން މީހުންގެ މަރުކަޒަށް ބައެއް ތަކެތި ހެލްތު މިނިސްޓްރީން ހަވާލުކޮށްފިއެވެ.ލެބޯޓްރީ ހުޅުއްވައިދެއްވާ، ތަކެތި ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.ކ. ގުރައިދޫގައި ހުންނަ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ މަރުކަޒެކެވެ.ގުރައިދޫ ސިއްހީ މަރުކަޒުގަ ލެބޯރަޓަރީއެއް ހުޅުވުމަށް ބޭއްވި ރައްސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލް އިރުތިޝާމް އާދަމް ވިދާޅުވީ، އެންމެ އެދެވޭ ގޮތުގައި ރަށުން ސިއްހީ ހިދުމަތް ނުލިބި ކަނޑު ހުރަސްކޮށް އެހންތަނަކަށް ދާންޖެހޭތީ  ރައްޔިތުން ކަންބޮޑުވާކަމަށެވެ. އަދި ސިއްހީ ޚިދުމަތަކީ އަގުބޮޑު ޚިދުމަތެއް ނަމަވެސް އިސްރާފްނުކޮށް ރައްޔިތުންނާއި ގާތަށް ޚިދުމަތް ގެނެސްދިނުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ގުރައިދޫގައި ހުޅުވިގެންދިޔަ މި ލެބްގެ ޚިދުމަތް ފެށުމާ ގުޅިގެން، ސިއްހީ މަރުކަޒުގައި އެނދުމަތިވެފައި ތިބި ބަލި މީހުންނާއި، މާބަނޑު އަންހެނުންނާއި، ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ޓެސްޓްތައް ހެދުމަށް މާލެ ނުގޮސް ރަށުގައި ތިބެގެން އެޚިދުމަތް ހޯދުމަށް ފަސޭހަވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކައިރި ރަށްރަށާއި، ރިސޯޓްތަކުގައި އުޅޭ ފަރާތްތަކަށްވެސް ލުއި ވެގެންދާނެކަމަށާއި، އަދި މީގެ އިތުރުން ގުރައިދޫ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން  ޖާގަ ތަނަވަސްކުރުމަށް އިތުރު އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން ވިދާޅުވީ، މި ލެބޯޓްރީ ހުޅުވިގެން ދިއުމާއިއެކު ރަށު ރައްޔިތުންގެ އިތުރުން އެރަށުގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންނަށްވެސް ޚިދުމަތް ލިބިގެން ދިއުމަކީ އެމަރުކަޒާއި ރަށު ރައްޔިތުން ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަމަށެވެ.ގުރައިދޫ ދާއިރާގެ މެމެބްރު އިބްރާހިމް ރިޒާ ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ހަދާ، އާސަންދަ ޚިދުމަތްލިބޭ ބޭސް ފިހާރައެއް ހުޅުވާ، އެހެނިހެން އުމްރާނީ ތަރައްގީވެސް ގެނެސްދެމުން ދަނީ މިސަރުކާރުންކަމަށް ވިދާޅުވެ ސަރުކާރަށް ޝުކުރު ދެންނެވިއެވެ.ހެލް މިނިސްޓަރ ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރާތްކުރައްވާ އެފަރާތްތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ހަދިޔާ ކުރައްވާފައެވެ. އޭގެ ތެރޭގައި ބޭހާއި، އެހެނިހެންވެސް ތަކެތި ހިމެނެއެވެ.ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މަރުކަޒުގައި ސަތޭކަ ފަސްދޮޅަހަށް ވުރެ ގިނަ މީހުން ޚިދުމަތް ހޯދަމުން ގެންދެއެވެ. އޭގެތެރެއިން 75 އިންސައްތަ މީހުންނަކީ ސިކުނޑީގެ އުނިކަން ހުންނަ މީހުންކަމަށް ވާއިރު، ބާކީ 25 އިންސައްތް މީހުންނަކީ ތަފާތު އެހެނިހެން އުނިކަން ހުރި މީހުންކަމަށް ލޯ އެންޑް ޖެންޑާއިން މައުލޫމާތުދެއެވެ.