ގދ.ތިނަދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ 120 ފްލެޓުގެ ތެރެއިން (އޭ) ކެޓެގަރީގައި ހިމެނޭ 80 ފްލެޓަށް ހޮވުނު މީހުންގެ ވަގުތީ ލިސްޓު ޢާންމުކޮށްފިއެވެ.
ތިނަދޫގައި ހަދާފައިވާ 120 ފްލެޓުގެ ތެރެއިން (އޭ) ކެޓަގަރީއަކީ އެރަށުގެ ރަށްވެހިކަމުގައި ތިބި މީހުންނަށް ޚާއްސަކޮށްގެން ދޫކުރާ ފްލެޓުތަކެކެވެ. އެކެޓަގަރީއަށް 580 ފޯމު ހުށަހަޅާފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ޢަލީ އަމްޖަދު ވިދާޅުވީ މިއަދު ޢާންމުކޮށްފައިވާ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅާނަމަ އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އާންމުންގެ ފަރާތުން ޝަކުވާއެއް އައިސްފިނަމަ އެފަރާތަކަށް މާކްސް ލިބުނު ގޮތުގެ ތަފްސީލް ކިޔައިދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު އިޢުލާންކުރި (އޭ) ކެޓަގަރީގެ ފްލެޓުތަކުގެ މާކްސް ލިސްޓުގައި 41 މާކްސްއަށްވުރެ މަތިން މާކްސް ލިބިފައި ތިބި މީހުންނަށް ފްލެޓު ލިބޭނެކަން ކަށަވަރުވެފައިވާއިރު ގުރުއަތު ނެގުން އޮންނާނީ 40 މާކްސް ލިބުނު މީހުންގެ މެދުގައެވެ. އެހެންނަމަވެސް އެލިސްޓު އެކުލަވާލާފައިވަނީ ވަކި މުއްދަތަކާ ހަމައަށް ލިބިފައިވާ މާކްސްގެ މައްޗަށް ކަމަށްވުމުން އަންނަ ޝަކުވާތަކުގެ ގޮތުން ގުރުއަތު ނެގޭނެ މީހުންގެ ލިސްޓަށް ބަދަލު އައިސްދާނެ ކަމަށް އަމްޖަދު ވިދާޅުވިއެވެ.
އަމްޖަދު ވިދާޅުވި ގޮތުގައި ފްލެޓުތަކުގެ ބީ ކެޓަގަރީގެ ފްލެޓުތަކަށް މާކްސް ލިބުނު ގޮތުގެ ލިސްޓު އެކުލަވާލުމުގެ މަސައްކަތް މިހާރު ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން އެ ލިސްޓުގެ ބޮޑުބައި ނިމިފައިވާކަމަށާއި މިހަފްތާ ތެރޭގައި އެ ލިސްޓުވެސް ނިމި، އިޢުލާންކުރެވޭވަރު ވާނެކަމަށެވެ.
ގދ.ތިނަދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 120 ފްލެޓުގެ ތެރެއިން، (އޭ) ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 580 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް އެދި 238 ފޯމު ހުށަހަޅާފައިވެއެވެ. ސީ ކެޓަގަރީގައި ހިމެނޭ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.