ޚަބަރު

ގޯތި ދޫކުރުމަށް އޭދަފުށިން ކުރި އިޢުލާން ބާޠިލްކުރީ ޝަރުޠު ތަކުގައި ފުށުއެރުންތަކެއް ހުރުމުން. މިނިސްޓްރީ


ބ.އޭދަފުށީން ގޯތި ދޫނުކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް ގޯއްޗަށް އެދޭ ފޯމް ދޫކުރަން ފަށައި އެކަން މަޑުޖައްސާލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު އޭދަފުށީ ކައުންސިލުން ފޯމު ދޫކުރުމާ، ފޯމު ބަލައި ގަތުމަށް ކުރި އިޢުލާން މިހާރުވަނީ ބާޠިލް ކޮށްފައެވެ. އޭދަފުށީ ކައުންސިލުން ބުނީ ފޯމް ދޫކުރުން މަޑު ޖައްސާލީ ހައުސިންގ މިނިސްޓްރީން އެކަން މިވަގުތު މަޑު ޖައްސާލަން އެންގެވުމުން ކަމުގައެވެ.

މި އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރުމަށް މިނިސްޓްރީއިން، އަންގަވާފައިވަނީ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަގެ ޤަވާއިދު" ގައި ބަންޑާރަ ގޯތި ދޫކުރާކަން، ކުރެވޭ އިޢުލާނުގައި ހުންނަންވާނެކަމަށް ބަޔާންކޮށްފައިވާ ޝަރުތުތަކުގައި ފުށުއެރުންތަކެއް ހުރުމުންކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
“އަލުން އިއުލާން ކުރުމަށް ކުރެވެންހުރި މަސައްކަތްތައް މިހާރު މިދަނީ ކުރަމުން"

ހައުސިން މިނިސްޓަރ މިކަމާ ގުޅިގެން ވިދާޅުވީ، ގޯތި ދޫކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު ލަސްނުކޮށް އެކަން ފެށުމަށް ކައުންސިލައް ލަފާދީފައިވާ ކަމަށެވެ.

އޭދަފުށިން ގޯތި ދޫކުރަން އިޢުލާން ކުރީ ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ސިޔާސަތުގެ ދަށުން އެހެން ރަށްރަށުން ވެސް ގޯތި ދޫކުރުމުގެ އުޞޫލާ އެއް ގޮތަށް ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެެ.

އެކައުންސިލުން ބުނީ މިދިމާވި މައްސަލަ ލަސް ނުކޮށް ޙައްލުކުރުމަށް ކައުންސިލާ ހައުސިން މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުންދާކަމަށް.
ބ.އޭދަފުށިން ގޯތި ދޫނުކުރާތާ މިހާރު މިވަނީ 30 އަހަރަށްވުރެއް ގިނަ ދުވަސްވަފައެވެ. މިބުރުގައި ދޫކުރުމަށް ނިންމާފައިވަނީ 158 ގޯޗެއްވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އޭދަފުށީ ހިއްކި ސަރަޙައްދުންނެވެ.