ޚަބަރު

ސަރުކާރުގެ ޚާރިޖީ ސިޔާސަތު: ޗައިނާގެ ގުޅުންވެސް ބޮޑު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް ދުނިޔޭގެ ޤައުމުތަކާ އޮތްގުޅުން އިތުރަށް ބަދަހިކުރުމަށެވެ. ވަކި ޤައުމަކާ ދުރަށްގޮސް، ވަކި ޤައުމުތަކަކީ ރާއްޖޭގެ ބައިވެރިންކަމުގައި ދެކުނު ދެކުން މާޒީއަށް ދޫކޮށްލައްވައި ހުރިހާ ޤައުމަކާއެކުވެސް އެކުވެރިކަމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދާފައިވާކަމީ ސަރުކާރުގެ އެންމެބޮޑު އަމާޒެވެ.

ރާއްޖޭގެ ޙާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެގިނަބައެއްގެ ނަޒަރު ހުއްޓިފައިވާ އެއްޤައުމަކީ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތްގުޅުމަށެވެ. ކުރީ ސަރުކާރުގެ މުޅި ޚާރިޖީ ސިޔާސަތުގެ ބޮޑުބައެއް ޗައިނާއާއެކު އޮތުމުން މިސަރުކާރު ވެރިކަމަށް އައުމަށްފަހު އެގުޅުން ވަރަށްބޮޑަށް ހީނަރުވެ ކުޑަވެގެންދާނެކަމަށް އޭރުވެރިކަން ކުރައްވައި މިހާރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް ކަންކަން އޮތީ މިހެން ނޫންކަން ފާއިތުވެދިޔަ 8 މަސް ދުވަސްތެރޭގައި މިވަނީ ހާމަވެފައެވެ. މިއަދު އަވަށްޓެރި ޤައުމު ތަކުގެ ތެރެއިން އިންޑިއާ، ސްރީލަންކާ، ބަންލަދޭޝް، ފަދަ ޤައުމުތަކާ އޮތް ގުޅުން މިވީ 8 މަހެއްހާ ދުވަހުގެ ތެރޭގައި އެތައްގުނައަކަށް ވަނީ އިތުރުވެގެން ގޮސްފައެވެ.

ހަމަ އެހެންމެ ޗައިނާއާއި ރާއްޖެއާއި ގުޅުންކުޑަކަމަށް ދެކެވެމުންދިޔަ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ނެތް ތޯތޯ ވާހަކަތަކެއްކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުން އެކަނިވެސް މިވަނީ ހާމަވެގެން ގޮސްފައެވެ. އެމަނިކުފާނުގެ ދަތުރުފުޅުން އެކަނިވެސް 400 މިލިޔަނަށްވުރެ ގިނަ ފައިސާގެ އެހީ ޗައިނާއިން ލިބިފައިވެއެވެ. މިދަތުރުފުޅުގައި ޗައިނާގެ ފޮރިން މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާ ދެމެދު އެއްބާރުލުންދީ ގުޅުން ބަދަހި ކުރުމާއި ކުޅިވަރުގެ ދާއިރާއިން ދެޤައުމުގެ ސަރުކާރުގެ ދެމެދުގައި ގުޅުންބަދަހި ކުރުމާ ގުޅޭ އެއްބަސްވުމަކާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.

ހަމަ އެހެންމެ ސަރުކާރުން މިއަދު އަމާޒު ހިފާފައިވަނީ 2023ވަނަ އަހަރު އަންނަންވާއިރަށް ޗައިނާއިން އަހަރަކު އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މީގެ އިތުރުން ޗައިނާގެ އެހީގައި ހުޅުމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ސްޓޭޑިއަމްއެއް ކުރިއަށް އޮތް މަދު ދުވަސްތެރޭގައި އެޅުމުގެ މަޝްރޫޢުވެސް ފެށިގެންދާނެއެވެ. ފޮރިން މިނިސްޓަރުގެ މިދަރުފުޅުގެ ސަބުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތްގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނާވާ ސަފީރުވެސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ހުޅުވާލެވިފައިވާ ޙަރިޖީ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތުގެ ނަތީޖާ ވަރަށްވެސް ކާމިޔާބްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ފާއިތުވެދިޔަ 7 އަހަރު ދުވަހު އދ.ގެ ޢާންމު މަޖިލީހަށް ރާއްޖޭގެ ވެރިކަން ކުރެއްވި ފަރާތްތަކުން ސަމާލުކަމެއް ނުދެއްވި ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ފުރުތަމަ އަހަރުގައި މިވަނީ އދ.ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވައި އދ.އެކު އޮތްގުޅުން އަލުން އިޢާދަ ކުރައްވާފައެވެ.

މީގެ އިތުރުންވެސް ކޮމަންވެލްތާއި ގުޅުން އަލުން ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. މިފަދަ ކޮންމެ މަސައްކަތަކީވެސް ރާއްޖޭގެ ޚާރިޖީ ގުޅުމާއި ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމައި ހުޅުވާލެވިފައިވާކަން ހާމަވާކަމެކެވެ.