ޚަބަރު

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ގިނަބަޔަކު ދަނީ ރަޖިސްޓްރީވަމުން - އިކޮނޮމިކް މިނިސްޓްރީ


ޤަވާއިދާއި ޙިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ގިނަބަޔަކު ރަޖިސްޓްރީ ވެފައިވާކަމުގައި އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ ޤަވާއިދާއި ޙިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީވުމަށް ކޮންމެ ދުވަހަކުވެސް ސަތޭކަ ފަންސާސް ނަންބަރު ދޫކޮށްގެން ހުޅުވާލި ފުރުސަތުގައި ގިނަ ޢަދަދެއްގެ ބަޔަލު އަލުން ރަޖިސްޓްރީވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މަޖީދީ މަގުގައި ކުރިން ޕީޖީ އޮފީސް ހިންގި ޢިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށަށް، ގިނަ ޢަދަދެއްގެ ބިދޭސީން ކޮންމެ ދުވަހަކުވެސް ޖަމާވަމުންދާކަނަ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މިނިސްޓްރީން ވިދާޅުވީ ގިނަ ޢަދަދެއްގެ ބިދޭސީން އެއްފަހަރާ ރަޖިސްޓްރީވުމަށް އެމިނިސްޓްރީއަށް ޖަމާވަމުންދަނީ އެކަށީގެންވާ މައުލޫމާތު ނުލިބުމުންކަމަށެވެ. އަދި މިހާރު މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ރަޖިސްޓްރޭޝަނަށް 6 މަސްދުވަހުގެ މުއްދަތެއް އޮތްކަން އޮޅުންފިލުވައި ދިނުމަށް ކަމަށާ، އެމަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށެވެ. އަދި މިހާރުވެސް ކޮންމެ ދުވަހަކު ދޫކުރާ ނަންބަރުތަކަށް ޚިދުމަތް ދިނުމުގައި ދަންވަންދެންވެސް އެމަނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާކަމަށް އެމިނިސްޓްރީ ވަނީ ވިދާޅުވެފައެވެ.

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ވާން ސަރުކާރުން ދިނީ ހަމަސް ދުވަހުގެ މުއްދަތެކެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށައެޅޭނެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގެ ނަތީޖާ އެއް އަހަރު ދުވަހުގެ ތެރޭގައި ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް ރާއްޖޭގައި ވަރކް ޕަރމިޓްގައި އުޅޭ ބަންގްލަދޭޝްގެ އެއްލައްކަ ތިރީސް ހާހެއްހައި މީހުން އުޅެމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. އަދި މީގެތެރެއިން ފަސްދޮޅަސް ހާސް މީހުންނަކީ ޤަވާޢިދުތަކަށް ނުފެތޭ މީހުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.