ވިޔަފާރި

އޮގަސްޓްމަހު ރާއްޖޭގެ ފަތުރުވެރިކަން 12.4 އިންސައްތަ ކުރިއަރައިފި


މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓްމަހު ރާއްޖޭގެ ފަތުރުވެރިކަން 12.4 އިންސައްތަ ކުރިއެރުމެއް ހޯދައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް އެއްލައްކަ ތިރީސް ނުވަހާސް ތިންސަތޭކަ ތިރީސް އަށް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް އެއްމިލިއަން އެއްލައްކަ ތިރީސް ހަތަރުހާސް ހަތްދިހަ އެއްފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 16.6 އިންސައްތަ ކުރިއެރުމެކެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ވަކި މާކެޓްތަކަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އެމެރިކާ ސަރަހައްދުންނެވެ. އެމެރިކާ ސަރަހައްދުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ވަނީ 25.5 އިންސައްތަ ކުރިއަރާފައެވެ. އަދި ޔޫރަޕްގެ ޤައުމުތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 15.6 އިންސައްތަ ކުރިއަރާފައެވެ.

މިއަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 މާކެޓްގެ ތެރޭގައި ހިމެނެނީ ޗައިނާ، އިންޑިއާ، އިޓަލީ، ޖާރމަނީ، އަދި ޔޫކޭ އެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ފަތުރުވެރިން ބޭތިއްބުމަށް ރާއްޖޭގައި ސާޅީސް ނުވަ ހާސް ހަތް ސަތޭކަ ތިރީސް އެއް އެނދު ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި އެވްރެޖްކޮށް ސާޅީސް ހަ ހާސް އެއް ސަތޭކަ ސާޅީސް ފަސް އެނދު އޮޕަރޭޓްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.