ތަރައްްޤީ

ސޯސަންމަގު ކުރީގެ ނާސަރީހުރި ބިމުގައި ޕާކިންގ ޒޯނެއް ތަރައްޤީކުރަނީ


މާލޭގެ ސޯސަންމަގުގައި ކުރީގެ ނާސަރީ ހިންގަމުންދިޔަ ބިން ހުސްކުރުމަށްފަހު، އެ ސަރަޙައްދު ޕާކީންގ ޒޯނަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީއަށް ދީމާވެފައިވާ ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ހައްލެއް ގެނެއުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން އަންނަނީ ޕާކިންގ ޒޯންތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގައި ހުސް ބިން ހުރި މިންވަރަކުން ޕާކު ކުރުމަށް ޖާގަތައް ކަނޑައެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

އެގޮތުން ވޭލާނާގެ ކައިރިއާއި، މަޖީދިއްޔާ ސްކޫލްކައިރީގައި އޮތް ހުސް ބިމާއި، ސްޕްރީމް ކޯޓު ކުރިމަތިން އޮތް ހުސް ބިމާއި، ފިނޭންސް މިނިސްޓްރީ ހިމެނޭ ސަރަޙައްދުގައި އޮތް ހުސް ބިމުގެ އިތުރުން ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ބިމާއި، މާފަންނު ސަހަރާ ކަންމަތިން ޕާކިންގ ޒޯންތައް ތަރައްޤީކުރުމަށްފަހު، އެތަންތަން ޕާކު ކުރުމަށް އާއްމުންނަށް ވަނީ ހުޅުވާލާފައެވެ. އަދި ކުރީގެ ސަރުކާރުން މަޖީދީމަގު ހީނާމާގޭގައި ތަރައްޤީކޮށްފައިވާ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ނަގައި، އެތަންވެސް ވެހިކަލްތަކަށް ޕާކު ކުރެވޭނެހެން ވަނީ ހުޅުވާލާފައެވެ.

މާލޭ ސިޓީ ކައުންސިލުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވަނީ، އެކަށީގެންނުވާ މިންވަރަކަށް މާލޭގައި ވެހިކަލްތައް ގިނަވެފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ، މާލެއަށް ވެހިކަލް އެތެރެކުރުމުގައި ވަކި ލިމިޓެއް ކަނޑައެޅުން އެއީ މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ މަސައްކަތެއްކަމަށް ވިދާޅުވެފައެވެ.

"މާލެއަށް ވެހިކަލް އެތެރެކުރުމުގައި ލިމިޓެއް އަންނަންއެބަޖެހޭ. ސިޓީ ކައުންސިލުން މިހާރު އެވަނީ ނިންމުމެއް ނިންމާފައ. އެ ނިންމުމުގައި އެވަނީ ވެހިކަލުގައި ކެޕެއް އަޅުންވަންޖެހޭކަމާއި، އަދި މާލެއަށް ބޮޑެތި ކޮންޓެއިނަރުތަކުގައި މާލެއަށް އެކަށީގެންވާ އަދަދަށްވުރެ ގިނައިން ވެހިކަލްތައް އެތެރެކުރުމުގެ ކަންކަމަށް ހައްލެއް އަންނަންޖެހޭނެކަމަށް. އަދި އެކެއްގެ ނަމުގައި މާ ގިނަ ވެހިކަލްތައް ރަޖިސްޓްރީކުރުމަކީވެސް މިއީ ކަންބޮޑުވާކަމެއް." މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވިއެވެ.

މާލޭ ސިޓީ ރީ-ޑިވެލޮޕްކުރުމުގެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާގުޅިގެން ކުރަމުންދާއިރު، ސިޓީ ކައުންސިލުގެ މައިގަނޑު ވިސްނުމަކީ މާލޭގެ ބޮޑުބަޔަކީ ފައިމަގުގައި ހިނގާފާއި އުޅޭ ސަރަޙައްދަކަށް ހެދުންކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މާލޭގައި ހުސްޖާގަ އިތުރުކޮށް، ޕާކިންގއަށާއި ޕާކުތަކަށް ވީހާވެސް ބޮޑު ޖާގައެއް ކަނޑައެޅުންކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

"ސިޓީ ކައުންސިލުން މިހާރު ބޭނުންވެގެން އުޅެނީ ވީހާވެސް މާލޭގެ ބޮޑު ސަރަޙައްދުތައް ޕާކިންގއާއި ޕާކާއެކުގައި ޑިވެލޮޕްކުރަން. އަދި އަޅުގަނޑުމެން ބޭނުންވަނީ މާލޭގެ ބޮޑު ސަރަޙައްދެއް ހިނގާފައި އުޅޭގޮތަށް ކަނޑައަޅަން. ޙާއްސަކޮށް ވިހާވެސް ގިނަ ކުދި މަގުތައް." މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވިއެވެ.

މާލޭގައި ޕާކުކުރާނެ ޖާގަ އިތުރުކުރުމުގެ ގޮތުން ސޯސަންމަގުގައި ކުރިން ނާސަރީ ހިންގި ބިން ހުސްކޮށް ސާފުކުރުމަށްފަހު، އެ ސަރަޙައްދުވެސް ޕާކިންގ ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްފަހު އާއްމުންނަށް ދޫކޮށްލުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރުދަނީ ކުރަމުންނެވެ. އެ ބިމަކީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އައު އިމާރާތް އެޅުމަށް ސަރުކާރުން ދޫކޮށްފައިވާ ބިމެކެވެ.

ނަމަވެސް އެތަނުގައި ޕާކިންގ ޒޯނެއް ތަރައްޤީކުރުމަށް ނިންމީ އިންޑިއާ އެމްބަސީ އެޅުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ހަމަޖައްސާފައިވުމާއެކު، އެ ބިން ހުސްކޮށް ދޫކޮށްލުމުގެ ބަދަލުގައި އެތަނުގައި އެމްބިއުލާންސްތަކަށާއި ސައިކަލްތަކަށް ޕާކުކުރެވޭނެ ޖާގަ ކަނޑައެޅުމަށްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.