ޓުއަރިޒަމް

ރާއްޖެއިން ހަދާ ފްރީ ޑައިވް ވޯލްޑް ރެކޯޑް ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ދިމާކޮށް ރާއްޖެއިންހަދާ ފްރީ ޑައިވް ވޯލްޑް ރެކޯޑް ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

"ނޭވާ" ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ފްރީ ޑައިވް ވޯލްޑް ރެކޯޑް ހެދުމަށް ބާއްވާ ޙާއްސަ ޑައިވް ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 1:00ގައި ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭގައެވެ.

"ގިނިސް ވޯލްޑް ރެކޯޑު" ހެދުމަށް ރާއްޖެއިން ފަށާ މި ޑައިވްގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި ޑައިވްގައި ބައިވެރިވާ މީހުންގެ ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އޭގެތެރޭގައި 18 އަހަރުވެފައިވުމާއި، ރަނގަޅު ސިއްހަތެއްގައި ހުރި މީހަކަށްވުމާއި، 3 މީޓަރު ފުނަށް ފީނުމުގެ ޤާބިލްކަން ހުރުމާއި، ނޭވާ ނުލައި 30 ސިކުންތަށް ވުރެ ގިނައިރު އަޑީގައި އޮތުމުގެ އިތުރުން 50 މީޓަރު ފެތުމުގެ ކުޅަދާނަކަން ހުރި މީހަކަށްވުން ހިމެނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެން ދާނީ މިމަހުގެ 26 ވަނަ ދުވަހު ވ.އަތޮޅުގައި ބާއްވާ ޖަޒީރާވަންތަ ކެނޯ ރޭހަކުންނެވެ. މީގެއިތުރުން ރ. އަނގޮޅިތީމު ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާ އެޅުމާއި ޓޫރިޒަމް އޯޕަންޑޭއަކާއި ޖޮބް ފެއަރއެއްގެ އިތުރުން ޓޫރިޒަމް ކޮންފަރެންސާއި ގާލާ ނައިޓްއެއްވެސް އޮންނާނެއެވެ.