ތިމާވެށި

އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުން އެމްއާރުޑީސީ އާއި ހަވާލުކޮށްފި


އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވަގުތީ ގޮތުން މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނާ، އެންވަޔަރަމަންޓް މިނިސްޓްރީން ހަވާލުކުރައްވައިފިއެވެ.އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫގައި ކުނި މެނޭޖްކުރުމަށް އެމްއާރްޑީސީއާ ޙަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ތާރިޤް އިބްރާޙީމްއެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދަޅުވީ، އައްޑު އަތޮޅު ކައުންސިލާ ޙަވާލުކޮށްގެން އެއަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ކުނި މެނޭޖްކުރަމުން ގެންދިޔަ ކުންފުނިން އެމަސައްކަތް ނަގާ، އެ ކޮންޓްރެކްޓް މިހާރު ބާތިލްކޮށްފައިވާ ކަމަށާއި ކޮންޓްރެކްޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، އައްޑޫގައި ކުނި މެނޭޖްކުރާނެ ބަޔަކު މިވަގުތު ނެތުމުން ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަކީ ކުނި އުފެދޭ ވަރު އިތުރުވާނެ މަހަކަށްވާތީ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދެންދެން ރައްޔިތުންނަށް މިކަމުގައި ވަގުތީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެމަސައްކަތް އެމްއާރްޑީސީއާ ޙަވާލުކުރީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތަށް މަހަކު ހަތްލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އައްޑޫގެ ކުނި މެނޭޖްކުރުމަށް އެމްއާރްޑީސީއާ ވަގުތީ ގޮތުން ޙަވާލުކުރި ނަމަވެސް، މިމަސައްކަތް ދާއިމީ ގޮތެއްގައި ހިންގާނެ މެކޭނިޒަމެއް ތައްޔާރުކޮށް އަވަސް މުއްދަތެއްގެ ތެރޭގައި ފެށުމަށް އަތޮޅު ކައުންސިލާއެކު މަޝްވާރާ ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.