ޚަބަރު

ހދ.އަތޮޅު ވޮލީބޯޅަ މުބާރާތުގައި 10 ޓީމަކުން ބައިވެރިވެއްޖެ


ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ވޮލީބޯޅަ މުބާރާތުގައި 10 ޓީމަކުން ބައިވެރިވެއްޖެއެވެ.

އަންހެން އަދި ފިރިހެން ދެ ޖިންސުގެ ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވުނު މި މުބާރާތުގައި ބައިވެރިވެފައިވަނީ އަންހެން 6 ޓީމަކާއި ފިރިހެން 4 ޓީމަކުންނެވެ. މި މުބާރާތުގައި ބައިވެރިވާ އަންހެން ޓީމުތަކަކީ ކުޅުދުއްފުށި، ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބު، ހަނިމާދޫ، ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބު، ނޮޅިވަރަމް ޒުވާނުންގެ ގުޅުން އަދި ކުމުންދޫ ސްޕޯޓްސް ކުލަބެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ފިރިހެން ޓީމުތަކަކީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން، ނޮޅިވަރަމް، ފިނޭ އަދި ވައިކަރަދޫ އިންސްޕިރޭޝަން ފޮރ ޔޫތު. އެންވަޔަރމަންޓް އެންޑް ސްޕޯޓްސް (ވިޔެސް)އެވެ.

މާދަމާ ފަށާ މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަަމްގެ ވޮލީކޯޓުގައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30ގައެވެ. ފުރަތަމަ މެޗުގައި ކުޅޭނީ ކުމުންދޫއާއި ނޮޅިވަރަމްފަރެވެ.

މި މުބާރާތުގައި ހަވީރާ ރޭގަނޑު ކުޅޭ މެޗުތަކާއެކު ދުވާލަކު 3 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ.