ރިޕޯޓް

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވެފައި!


ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ ޢަދަދު އިތުރުވަމުންދިއުމަކީ ރާއްޖޭގެ އިޤްތިޞާދަށް މިވަގުތު ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމެވެ. އެފަދަ ބިދޭސީންގެ ސަބަބުން އިޖްތިމާޢީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާކަމީ މިއަދު ފެންނަން އޮތް ހަޤީޤަތެކެވެ.

ވެރިރަށް މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަންމަތީ ފިހާރަތަކުން ފެށިގެންގޮސް، ބޮޑެތި ގެސްޓްހައުސްތައް އޮޕަރޭޓްކުރުންފަދަ ކަންކަމުގައިވެސް އެމީހުންގެ ޝާމިލުވުން އޮތްއިރު، މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށްވެސް ދިމާވެފައިވާ ބޮޑު ނުރައްކަލެކެވެ. ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވުމަށްފަހު، ބޮޑެތި މަހުޖަނުންނަށްވެގެން އެނބުރި ޤައުމަށްދާ މީހުންވެސް މަދެއްނޫނެވެ.

ދިވެހިން ޢަމްދަނީ ހޯދުމަށް ޢާއްމުކޮށް ކޮށްއުޅޭ ހުރިހައި މަސައްކަތެއްގައިހެން، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ބައިވެރިވުން ބޮޑުވެ، އެކި ސިނާޢަތްތަކަށް އެމީހުންގެ ނުފޫޒު ފޯރާފައިވާ މިންވަރު އިތުރުވެގެންދިއުމުގެ ނަތީޖާއެއްގެގޮތުން އިޖްތިމާޢީ އެތައް މައްސަލަތަކެއް މިއަދު އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ތެރޭގައި ވަނީ އާއްމުވެފައެވެ.

އެގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ އިތުރުން، ބަނގުރާ ކައްކައިގެން ވިއްކުމާއި، ބޮޑެތި މާރާމާރީތައް ހިންގުންފަދަ ކަންކަމުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ޝާމިލުވުން ވަނީ އިތުރުވެފައެވެ. މިވަރުން ފުދުނީކީ ނޫނެވެ. ފައިސާއާ ގުޅުންހުރި ކަންކަމުގައި ބިރުދެއްކުމާއި، މީހުން ކިޑްނޭޕްކުރުމުގެ އިތުރުން މީހުން މެރުންފަދަ ބޮޑެތި ޖަރީމާތަކަކީވެސް މިދެންނެވި ފަދަ ބިދޭސީންގެ މެދުގައިވެސް ހިންގާ ޖަރީމާތަކެކެވެ.

މީގެ އިތުރުންވެސް ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ފުށުން ފެނިގެންދާ އިޖްތިމާޢީ އެހެނިހެން މައްސަލަތަކުގެ ތެރޭގައި އާއްމު ސާފުތާހިރުކަން ކުޑަވުން މިއީވެސް މިއަދު ގިނަ ބައެއްގެ ކަންބޮޑުވުމާ ގުޅިފައިވާ މައްސަލައެކެވެ. އަދި އެފަދަ ބިދޭސީންގެ ނާޖާއީޒް ބޭނުން ހިފައިގެން ޤަވާއިދާ ޚިލާފު ކަންކަން ކުރުމުގައި މަދުންނަމަވެސް ދިވެހިންގެ ބައިވެރިވުން ފެނިގެންދާކަމީވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ.

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައިވީނަމަވެސް، މިއަދާ ހަމައަށްވެސް މި މައްސަލައަށް އެކަށީގެންވާ ވަރުގެ ހައްލެއް ލިބިފައެއްނުވެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުންވެސް ރާއްޖޭގައި ޤަވާއިދާޚިލާފަށް އުޅެމުންދާ ބިދޭސީންގެ ޢަދަދު 60000 އަށްވުރެ މައްޗަށް އަރައެވެ. ވީއިރު، މިއީ މިއަދު އަޅުގަނޑުމެން ޤައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ދެކެންވެއްޖެ މައްސަލައެކެވެ.

ޤަވާއިދާ ޚިލާފަށް އުޅުމަކީ ޤާނޫނީ ބޮޑު ކުށެއްގެގޮތުގައި ކަނޑައަޅާ، އެފަދަ ކަންކަންކުރާ ފަރާތްތަކާމެދު ދުނިޔޭގެ އެކި ޤައުމުތަކުންވެސް ހަރުކަށި ފިޔަވަޅު އަޅާކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގައިވެސް އެފަދަ ޤާނޫނުތަކާއި ޤަވާއިދުތައް ހެދިފައިވާއިރު، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުތަކުން ނުކުޅެދެނީ ކީއްވެތޯ، މިއީ މިއަދު ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.