ޚަބަރު

އައްޑޫ ހައިސްކޫލުގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް މިއަންނަ ހަފްތާގައި ފެށޭނެ : ކޮންޓްރެކްޓަރ


އައްޑޫހައި ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވާ ހޯލުގެ މަސައްކަތް މިއަންނަ ހަފްތާ ތެރޭގައި ފެށޭނެ ކަމަށް އެމަސައްކަތާ ހަވާލުވެފައިވާ އިނޯކާ ޕްރައިވެޓް ލިމިޓެޑް އިން ބުނެފިއެވެ.

އެކުންފުނިން މިހެން ބުނެފައިވަނީ، އައްޑޫ ހައިސްކޫލުގައި އެޅުމަށް ހަމަޖެހިފައިވާ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ފެށުމަށް އެކުންފުންޏާ ބިން ހަވާލު ކުރުމަށް އައްޑޫ ހައިސްކޫލުގެ ގޯތި ތެރޭގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަމުންނެވެ. އިނޯކާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން ޝަމީމް ވިދާޅުވި، މިމަސައްކަތް ހަލުއިކަމާއެކު ކުރިއަށް ދާ ކަމަށާއި، އަންނަ އާދިއްތަ ދުވަހު ކޮންޓްރެކްޓުގައި ސޮއި ކުރެވި މިހަފްތާގެ ތެރޭގައި ޢަމަލީ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ ހައިސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް ވިދާޅުވީ، ސްކޫލުގެ ހޯލު އެޅިގެން ދިއުމަކީ ވަރަށް ގިނަ ދުވަސް ތަކުގެ އުންމީދެއް ކަމަށެވެ. އެގޮތުން ސްކޫލު ތާރީޚު ފެށިގެން މިހާތަނަށް ވެސް ހޯލެއް ނެތުމުގެ ސަބަބުން އެކި މުނާސަބާތުތަށް، ލަސްވުމާއި ނުބޭއްވި ދާކަން ފާހަގަ ކުރެއްވިއެވެ.

" މިސްކޫލުގައި ހޯލެއް ތާރީޙުން ފެށިގެން ނެތް. އަޅުގަނޑުމެންނަށް ދަތިތަކެއް ދިމާވޭ. ވަރަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވޭ. ވަރަށް ގިނަ ކަންކަން ކުރަން ބޭނުންވެ ނުބޭއްވި އޮވޭ. ޖަލްސާތަކާއި، ޕްރައިޒްޑޭ އަދި ތަފާތު މުނާސަބާތަށް ބާއްވަން ޖެހި، މޫސުމާއި ތަފާތު އެކި ކަންކަމާއި ހެދި ނުބޭއްވި ދޭ. މިއަދު މިއުއްމީދު ހާސިލުވެގެން ދިއުމަކީ ސްކޫލަށް ނިސްބައްވާ އެންމެހާއި ފަރާތްތައް ވަރަށް އުފާ ކުރާ ކަމެއް. " ނަދީމް ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫ ހައިސްކޫލްގައި ހެދުމަށް ހަމަޖެހިފައިވަނީ 2 ބުރީގެ ޢިމާރާތެކެވެ. ޕީއެސްއައިޕީބަޖެޓުން 7.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާ މިޢިމާރާތުގެ މަސައްކަތް އިނޯކާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރީ 7 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އައްޑޫ ހައިސްކޫލަކީ އައްޑޫގައި ހިންގާ މަތީ ސާނަވީ ފެންވަރުގައި ކިޔަވައިދޭ އެންމެ ބޮޑު ސްކޫލެވެ. މިސްކޫލުގެ އުފެދިގެން އައި 2011 ވަނަ އަހަރުއެވެ. އޭރު އިސްލާމިއްޔާގެ ގޮތުގައި ބޭނުން ކުރަމުން އައި ސްކޫލު ބަންދު ކުރުމަށް މަތީ ސާނަވީ އަށް ހާއްސަ މިސްކޫލުގައި ފެށުނީއްސުރެ ހޯލެއް ނުހުރެއެވެ. ސްކޫލުގެ ހަފްލާތަށް ބާއްވަނީ، މޫސުމަށް ބަލައި ގޯތި ތެރޭގައި ނުވަތަ އެހެން ސްކޫލުތަކުގައެވެ.