ޚަބަރު

ދިއްދޫ ހިއްކި ސަރަހައްދުގެ މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ފަށައިފި


ހއ. ދިއްދޫގައި ހިއްކި ސަރަހައްދުގެ މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ހިންގާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ވަނީ މަގުތައް ލެވެލްކޮށް ނިންމާފައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް ވިދާޅުވީ މި މަސައްކަތް ފެށިތާ މިހާރު މަހެއްހާ ދުވަސް ވެއްޖެކަމަށާއި މަސައްކަތް ލަސްވީ ފަސްގަނޑު އެއްވަރުނުކޮށް ހުރުމުގެ ސަބަބުން އެކަން ކުރުމަށް ވަގުތު ހޭދަވީމަ ކަމަށެވެ. މިހާރު ބަޔަކާ ހަވަލުކޮށްގެން ބައްތި ޖަހަން، ބުޑު އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި ކައުންސިލަށް އޮންނާނީ މިންތައް ޖަހަންވާ ގޮތް ކިޔައި ދިނުމާއި މަގުތައް ވަކިކޮށްލަ ދިނުންކަމަށް ހާޝިމް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫގައި އަލަށް މީހުން އާބާދުވި ފްލެޓްތައް ހުރި ސަރަހައްދުގައި ގާތް ގަނޑަކަށް 67 މަގު ބައްތި ޖަހާނެ ކަމަށްވޭ އަދި މި މަޝްރޫއުގެ ދަށުން އެ ސަރައްހަދުގެ މަގުތައް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.