ޚަބަރު

ގުޅިފަޅު ބަނދަރު ޕްރޮޖެކްޓާއެކު ރާއްޖެ މުޅިން އާހަރުފަތަކަށް ދާނެ - އެމްޕީއެލް


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މަސައްކަތްތައް ގުޅިފަޅަށް ބަދަލުވެގެންދާއިރު ރާއްޖޭގެ ކޮމާޝަލް ބަނދަރުގެ ޚިދުމަތް، އިންޤިލާބީ ހަރުފަތަކަށް ދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ 33ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނެންގެވުމަށްފަހު ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު ޢަލީ ވިދާޅުވީ ފާއިތުވި 33 އަހަރުގެ ތެރޭގައި އެމްޕީއެލްއިން ބޮޑެތި ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާކަމަށެވެ. އަދި އެކާމިޔާބީގެ ފަހަތުގައި ތިބީ އެމްޕީއެލްގެ ކުރީގެ އިސްވެރިންނާއި މުވައްޒަފުންކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެމްޕީއެލްގެ މަސައްކަތްތައް ގުޅިފަޅަށް ބަދަލުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށެވެ. އަދި އޭގެ ސަބަބުން ބައިނަލްއަޤުވާމީ މައިދަނުގައި މިދާއިރާއިން ރާއްޖެއަށް ފައިހަމަކޮށްލެވޭނެކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްއަށް 33 އަހަރުފުމުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުން މުވައްޒަފުންވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތުގައި އެމްޕީއެލްގެ އަހަރީދުވަހާއި ގުޅިގެން ވަނީ ކޭކެއްފަޅާފައެވެ. މީގެ އިތުރުން ކޮންމެ ޑިޕާޓްމަންޓަކަށް ޚާއްސަ ހަދިޔާއެއްވަނީ ދީފައެވެ. 1986ވަނަ އަހަރު ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުމަށް ރައިސުލްޖުމްހޫރިއްޔާ އުފެއްދެވި އެމްޕީއެލްއިން މިއަދު އަންނަނީ ރާއްޖޭގެ ބޮޑެތި ސިޓީތަކަށް އެއްގަމާއި ކަނޑުގެ ޓްރާންސްޕޯޓުގެ ޚިދުމަތްވެސް ދެމުންނެވެ.