ޚަބަރު

ރޯދަމަހުގެ އިނާޔަތާ ބެހޭ ރިޕޯޓް ނިންމާ ތަޅުމަށް ފޮނުވައިފި


ރޯދަ އެލަވަންސްގެ
ގޮތުގައި މަދުވެގެން ތިންހާސް ރުފިޔާ ދިނުމަށް ވަޒީފާއާއި ބެހޭ ގާނޫނަށް ގެންނަން
ހުށަހެޅި އިސްލާހްގެ ކޮމެޓީ މަރުހަލާ ނިންމައި ރިޕޯޓް ތަޅުމަށް ފޮނުވައިފިއެވެ.



މިއިސްލާހް
ރައްޔިތުންގެ މަޖިލީހުން ފާސްވުމުން ދިވެހި ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ
އެލަވަންސްގެ ގޮތުގައި ތިންހާސް ރުފިޔާ ދިނުން ޤާނޫނުން ލާޒިމްވާނެއެވެ.



ކޮމެޓީގެ ރިޕޯޓް
ތަޅުމަށް ފޮނުވިއިރު ބައެއް ކަހަލަ ބަދަލުތައް އިސްލާހަށް ގެނެސްފައިވެއެވެ.



އެގޮތުން ރަމަޟާންމަހުގެ
އެލަވަންސް ބިދޭސީންނަށް ދިނުން އިޚްތިޔާރީ ކަމަކަށްހަދާ، އަމިއްލަ ކުންފުނިތަކުން
އެއަށް އަމަލުކުރުން އެއް އަހަރު ދުވަހަށް ފަސްކުރެވޭގޮތަށް
ހުށަހަޅާފައިވެއެވެ. އިޖުތިމާއީ ކޮމިޓީން މިއިސްލާހް
ބަލައިގަތުމަށް ފާސްކުރީ ކޮމިޓީއަށް އެ ވަގުތު ހާޒިރުވެވަޑައިގެންނެވި ދިހަ
މެމްބަރުންގެ އިއްތިފާގުންނެވެ. ރޯދަމަހުގެ އެލަވަންސް ތިންހާސް ރުފިޔާއަށް
ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން މިއިސްލާހް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ
މެމްބަރު މުހައްމަދު އަލީއެވެ.



އިސްލާހް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ރަމަޟާންމަހަކީ ހަމަހަމަކަމުގެ
މާތްމައްސަރަށްވާތީ ސަރުކާރުގެ އިސްމަގާމެއްގައި ހުންނަ މީހަކާއި ދަށްމަގާމެއްގައި
ހުންނަމީހަކަށް އެލަވަންސް ދެއްވުމުގައި ތަފާތުކުރައްވަން ރައީސުލް ޖުމްހޫރިއްޔާ
އަބްދުﷲ ޔާމީން ބޭނުންފުޅުނުވާކަމަށެވެ.



ރައީސް
ބޭނުންފުޅުވަނީ ހުރިހާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރެއްވުމަށްކަމަށްވެސް
އޭނާ ވިދާޅުވިއެވެ.