ޚަބަރު

"69 ރަށެއްގެ ލޭންޑް ޔޫސް ޕްލޭންވަނީ ހަދައި ނިމިފައި"


ރާއްޖޭގެ 69 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހަދައި ނިމި، އެމިނިސްޓްރީން އެޕްރޫވްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނަކީ އެރަށަކުން ހިއްކާ ބިންތައް، ނުވަތަ ރަށުގައި ހުސްކޮށްހުރި ބިންތައް ރަށަށް މަންފާ ކުރާނެހެން ބޭނުންކުރުމަށް އެކުލަވާލާ، ރަށު ތަރައްޤީގެ ޕްލޭނެވެ. މިގޮތަށް ޕްލޭން އެކުލަވާލަނީ، ރޭވިފައިވާ އުސޫލަކުން ރަށުގެ ކަންކަން ބެލެހެއްޓުމަށް ކައުންސިލްތަކަށް އެހީވެދީ އަދި އެކަންކަމަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ. މި ޕްލޭން ތައްޔާރުކުރަނީ ރަށުގެ ރައްޔިތުންގެ މަޝްވަރާއާއެކު ރަށު ކައުންސިލުންނެވެ.

ޕްލޭނިންގ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭމަޢުލޫމާތު ދިނުމަށް ބޭއްވި "ނުވަގަޑި" ޕްރޮގްރާމްގައި، މިނިސްޓްރީގެ ލޭންޑް އެންޑް ސަރވޭ އޮތޯރީން ވިދާޅުފައިވަނީ މިހާތަނަށް ރާއްޖޭގެ 69ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. މީގެތެރެއިން 4 ރަށެއްގެ ޕްލޭން އެޕްރޫވް ކޮށްފައިވަނީ މިއަހަރުއެވެ.

މިފަދަ ރަށްތަކުގެ ޕޭލްންގައި ދަނޑުވެރިކަން ކުރުމާއި ފަތުރުވެރިކަން ކުރަން ދޫކުރާ ބިންތަކާއި އަދި ޢާއްމުނަށް ގޯތި ދިނުމަށް ކަނޑައަޅައި ކުރެވޭ މަސައްކަތްތައްވެސް ހިމެނެއެވެ. މީގެތެރެއިން 6ރަށެއްގެ ޕްލޭންވަނީ އެޕްރޫވްކުރުމުގެ ފައިނަލް ސްޓޭޖްގައިކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ވިދާޅުވެފައިވަނީ އިތުރު 73ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދިވެސް ޕްލޭން ނުހެދޭ 48ރަށް އެބައޮތްކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ. މި ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ ކަންކަން ފެށުމަށް ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރަމުންދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއަހަރުގެ ތެރޭގައި ރަށްރަށުގެ ކައުންސިލާ ގުޅިގެން ޕްލޭން ހެދުމުގެ މަސައްކަތް ކުރަން ފަށާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޕްލޭނިންގ މިނިސްޓްރީއަށް މިއަހަރުވަނީ 28 ރަށަކުން ގޯތި ދޫކުރުމަށް ބިން ދޫކުރުމަށްވެސް ހުށައަޅާފައެވެ. މީގެތެރެއިން 19 ރަށަކުން ގޯތި ދޫކުރުމަށް ބިން ދޫކުރުމުގެ ހުއްދަ ޕްލޭނިންގ މިނިސްޓްރީން މިހާރުވަނީ ދިފައެވެ. އަދި 2ރަށަކުން ގޯތި ދޫކުރުމާގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، ބިން ދޫކުރުމާމެދު ވަކިގޮތެއް ނުނިމޭ 2ރަށް އެބައޮތްކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ނޭޝަންލ ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަންނަނީ މާލެ ސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭންވެސް އެކުލަވާލަމުންނެވެ.