ހއ.ކެލާގެ ބަނދަރުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީގެ ވެހިކަލްތައް އެ ރަށަށް ގެންގޮސްފިއެވެ.
ކެލާ ބަނދަރު ހެދުމަށް ހައުސިން މިނިސްޓްރީން ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 2015ވަނަ އަހަރުގެ ޖޫން މަހުގައެވެ. 2،000އަށްވުރެ ގިނަ މީހުން ކެލާގައި ދިރިއުޅޭއިރު، ކުރިން އެ ރަށުގައި އޮތީ 400 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެކެވެ. ނަމަވެސް ކެލާގެ އާބާދީއާ އެ ރަށުގައި ދުއްވާ ކަނޑު އުޅަނދު ފަހަރާ އަޅާބަލާއިރު، ބަނދަރުގެ ދަތިކަން ރައްޔިތުން ދިޔައީ ތަހައްމަލު ކުރަމުންނެވެ.
ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ނިންމަވައި ސަރުކާރުންވަނީ ބަނދަރުގެ އިރުމަތީ ފަރާތުން 450 ފޫޓު ދިގުކޮށް، ފުޅާމިން 300 ފޫޓަށް ބޮޑުކޮށްފައެވެ. މިހާރު ކެލާ ބަނދަރަކީ 750 ފޫޓް ދިގު، 300 ފޫޓް ފުޅާ ތަނަވަސް ބަނދަރެކެވެ. ނަމަވެސް ބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވަނިކޮށް މަސައްކަތް ހުއްޓާލީ ބޭރު ތޮށީގައި ހިލަ ޖަހަމުންދިޔަ ގޮތާމެދު ރައްޔިތުން ހިތްހަމަނުޖެހިގެންނެވެ.
ކެލާ ކައުންސިލްގެ ރައީސް ވިދާޅުވީ ވެހިކަލްތައް އެ ރަށަށް ގެންދިޔައީ އިއްޔެ ކަމަށާއި ބަނދަރުގެ ނުނިމިހުރި މަސައްކަތްތަކުގެ ތަފްޞީލު ހޯދުމަށް އެމްޓީސީސީގެ އިސްވެރިންނާއި ކައުންސިލުން ބައްދަލުކުރަން ނިންމާފައިވާކަމަށެވެ. އަދި ލަސްތަކެއްނުވެ ބަނދަރުގެ ނުނިމި ހުރި މަސައްކަތް ފެށޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.