ވިޔަފާރި

އެއްވެސް ކޮންޓްރޯލެއްނެތި މިދަނީ މަސްވެރިންގެ އަތުން މަސް ގަންނަމުން - މިފްކޯ


އެއްވެސް ކޮންޓްރޯލެއްނެތި، ކުންފުނީގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަސްވެރިންގެ އަތުން މަސް ގަންނަމުންދާކަމަށް ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ މިދުވަސްވަރު ރާއްޖޭގެ އުތުރުގައި އާދަޔާ ޚިލާފަށް ރަނގަޅު މަސްވެރިކަމެއް އުފެދިފައިވާކަމަށާއި، ރާއްޖޭގެ ހުރިހާ އަތޮޅުތަކުންވެސް މަސްވެރިކަން ކުރުމަށް ފާދިއްޕޮޅަށް އައިސްފައިވާކަމަށެވެ. މަސްވެރިކަން ރަނގަޅުވެފައި، ރާއްޖޭގެ ހުރިހާ ހިސާބެއްގެ މަސްވެރިން އެ ސަރަހައްދަށް ޖަމާވެފައިވާއިރު، ފެލިވަރުގައި މިފަދަ މަސްވެރިކަމެއްގައި މަސްގަނެ މަސް ހޭންޑްލް ކުރެވޭނެ ވަސީލަތްތައް އަދި ޤާއިމުކުރެވިފައިނުވާތީ ދެކުނުގައި މަސްގަތުމަށް ހަރާކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުތައް ފެލިވަރު ބަނދަރުގައި މަސްގަތުމުގައި މިހާރު ހަރާކާތްތެރި ވަމުންދާކަމަށް މިފްކޯއިން ބުނެއެވެ. ނަމަވެސް އެ ދުވަހެއްގައި ލިބޭމަސް އެދުވަހަކު ނުކިރޭތީވެ، ޖެހިގެން އަންނަ ދުވަހަށް ނަންބަރު ދޫކޮށް އެއްވެސް ދޯންޏެއް ދޫކޮށްނުލައި މަސް ކިރަމުންދާކަމަށްވެސް މިފްކޯ ބުނެފައިވެއެވެ.

މިފްކޯއިން ބުނީ، ރާއްޖޭގެ އުތުރަށް މިހާ ބާރު ބޮޑުވެފައިމިވަނީ، މި ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ގޮސްފައިވާތީ، ރާއްޖޭގެ މަސްވެރިންގެ އަތުން މިހާރު މި މަސް ގަންނައަގުގައި މަސްގަނެ އެކްސްޕޯޓް ކުރުމަށް، މަސްވެރިކަމުގައި ހަރާކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ދަތިވެފައިވާތީކަމަށެވެ. އަދި އުތުރަށްދާ ދޯނިފަހަރު ވަކިން އިތުރުވެފައިވާއިރު، އެއްވެސް ކޮންޓްރޯލެއްނެތި ކުންފުނީގައި ހުރި ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ހުރިހާ މަސްވެރިންގެ މަސް ކިރަމުން އަންނަކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

މިގޮތަށް މަސްކިރަމުންދާއިރު، ޖެހިގެން އަންނަ ދުވަހަށް ނަންބަރު ދޫކުރާ ދޯނިފަހަރުގައި މަސްހުންނަ ނިސްބަތުން، ފެލިވަރުން ދޫކުރެވޭ އައިސް އިން މަހުގެ ތާޒާކަން ހިފެހެއްޓޭވަރުނުވާނަމަ، އެފަދަ ދޯނިފަހަރަށް އެންމެ ކައިރީގައި ހުންނަ އައިސްޕްލާންޓަކުން ލިބެންހުރި ވަރަކަށް އައިސް އަޅައި ރަނގަޅު ފެންވަރުގައި މަސް ގެންގުޅުމަށް މަސްވެރިންގެ ކިބައިން މިފްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.