ޚަބަރު

ޔަޒީދުގެ މަޤާމު ގެއްލޭގޮތަށް ޤާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީޤް ކުރައްވައިފި


ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވައިފިއެވެ. މި އިސްލާހު ތަސްދީޤު ކުރުމާއެކު 30 ދުވަހުގެ ތެރޭގައި ކޮމިޝަނަރަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުގެ މަޤާމު ގެއްލޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މި ހިނގާ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 45 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނު ތަސްދީޤޫ ވުމާއެކު، މި ޤާނޫނަށް މީރާގެ ބޯޑުގެ ހުރިހާ މެންބަރުންގެ މަޤާމު ގެއްލޭގޮތަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އިސްލާހުގެ ދަށުން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައި މިހާރު ހުންނެވި ޔަޒީދު މުޙައްމަދުގެ މަޤާމު ގެއްލޭނެއެވެ.

މި ބިލުގައި ވާގޮތުން މީރާގެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރ ކަނޑައަޅާ ފަރާތަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެންބަރަކާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ. މީގެ އިތުރުންވެސް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ އެކިއެކި މާއްދާތަކަށް މި ބިލުން އިޞްލާހު ހުށަހަޅާފައިވެއެވެ.

މީރާގެ ބޯޑަށް މެންބަރުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. އަދި މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންކަމަށްވެސް މިޤާނޫނުގައި ބުނެފައިވެއެވެ.