ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭއިރު ޓެރަރިޒަމްގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅާފައެއެވެ.
ޓެރަރިޒަމްގެ ޤާނޫނު މިހާރު އޮންނަ ގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ ކުށެކެވެ. އެކަމަކު ކުށަކަށްވަނީ އެފަދަ ހަނގުރާމައެއްގައި ބައިވެރިވުމުން ނުވަތަ ހަނގުރާމައެއްގައި ބައިވެރިވާން ހިނގައްޖެ ނަމައެވެ.
ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގައިވާގޮތުން ބޭރުގައި ހިނގާ ހަނގުރާމައަކަށް ދިއުމުގެ އިތުރުން ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ނުވަތަ ދާން އުޅުމަކީ ވެސް ކުށެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާއެވެ.
އެ ބިލްގައިވާ ގޮތުން ހަނގުރާމައަށް ހިނގައްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭއިރު، ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިގެންދާނެއެވެ. އަދި އެކަން ކުރަން އުޅެފި ނަމަ ނުވަތަ ބައިވެރިވެއްޖެ ނަމަ، ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ވެސް ބިލްގައި ވަނީ ކަނޑައަޅާފައެވެ.
ބިލްގައި ބުނީ ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރު ކަމަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަން ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމަކީވެސް ކުށެކެވެ.
މި ކުށްތައް ކުރާ މީހެއްގެ އަދަބަކީ ބިލްގައިވާ ގޮތުން ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ. ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ މިއިސްލާހުތަކުގެ ސަބަބުން ކަފާލާތުގެ ދަށުންވެސް ދޫކޮށް ނުލެވޭނެކަމަށްވެސް ހުށަހެޅިފައިވާ އިސްލާހުގައި ބުނެފައިވެއެވެ.
ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި ހަނގުރާމައަށްދާ ފަރާތްތަކުގެ ތެރެއިން އަނބުރާ އަންނަ ފަރާތްތައް ބޭތިއްބުމަށް ޚާއްސަކުރެވޭ މަރުޒެއް ހޯމް މިނިސްޓްރީން ޤާއިމްކުރަންޖެހެއެވެ. އަދި އެފަދަ ފަރާތްތަކުގައި އެހެން ކުށްތަކުގެ މީހުންނާއި، ކުށްވެރިން ތިބެގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ.
އަދި މިފަރަތްތަކުގެ ތެރެއިން މުޖުތަމައަށް ދޫކުރެވޭ ފަރާތްތައް ދޫކުރެވޭނީ ވަކި އެސެސްމެންޓްތައް ހެދުމަށްފަހު ހުއްދަ ދެވޭ ފަރާތްތައް އެކަނި ކަމުގައިވެސް މި އިސްލާހުގައި ބުނެފައިވެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މިއިސްލާހުތަކުގެ ތެރެއިން ކުށެއް ކުރަން އުޅޭކަން ބުއްދިއަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައިއާއި ހެކި ނައްތާލަފާނެ ކަމަށް ގަބޫލުކުރެވޭ ހިނދު ކޯޓު އަމުރެއްނެތި އެމީހަކު ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.
އަދި އެކުށްތަކުގައި ހިމެނޭ މީހުން ކޯޓު އަމުރެއްނެތި ހައްޔަރު ކުރުމާއި ހައްޔަރު ކުރުމަށްފަހު 48 ގަޑި އިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރުވެސް ބިލްގައި ފުލުހުންނަށް ވަނީ ދީފައެވެ. އަދި ކުށްކުރާ މީހަކު ހައްޔަރުކުރަން ވާނީ، ސަބްއިންސްޕެކްޓަ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއި އެކުގައި ކަމަށްވެސް މި އިސްލާހުތަކުގައި ބުނެފައިވެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވެފައި ވަނީ، ރައީސް ސޯލިހު އެކުލަވާލެއްވި މަރު ކޮމިޝަނުން ފުލުހުން ހެކި އުފައްދަން މަސައްކަތް ކޮށްފައިވާ ބުނެފައިވާ ކަމަށާއި، ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކަށް އަނިޔާ ކުރިތަން ވީޑިއޯކުރި މީހުންނަށް ބިރު ދައްކައި އެހެކި ނައްތާލަން ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެހެން އޮއްވާ ފުލުހުންނަށް އިތުރު ބާރުތަކެއް ދީ ފުލުހުންގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހުރަހަކަށް ހުރި ކޮންޓްރޯލްތައް ދުއްވާލަނީ ކީއްވެގެންތޯ މައުމޫން ވަނީ ސުވާލު ކުރައްވާފައެވެ.