ޚަބަރު

އައްޑޫގެ ކަރަންޓުގެ މައްސަލައަށް އަންނައަހަރު ދާއިމީ ޙައްލެއް ލިބޭނެކަމަށް އުއްމީދުކުރެވޭ - މޭޔަރު


އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެ ގެނައުމުގެ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް އައްޑޫ ސިޓީ މޭޔަރު ޢަބްދުﷲ ޞާދިޤު ވިދާޅުވެއްޖެއެވެ. މޭޔަރ ވިދާޅުވީ މިކަމުގެ ޢަމަލީ މަސައްކަތްތައް މިއަހަރު ފަހުކޮޅު ފެށޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އައްޑޫ ސިޓީގައި ދިރިއުޅެމުން އަންނަ 35000އަށްވުރެ ބޮޑު އާބާދީއަށް ކަރަންޓު ފޯރުކޮށްދިނުމަށް 15 އިންޖީނު އަންނަނީ ބޭނުންކުރަމުންނެވެ. އައްޑޫގައި ޢާއްމުކޮށް 7 މެގަ ވޮޓްގެ ކަރަންޓު އުފައްދާއިރު ކަރަންޓު ބޭނުންކުރާ އިންސައްތަ އިތުރުވުމާގުޅިގެން އިންޖީނުގެ ލޯޑު މިހާރު އަންނަނީ އިތުރުވަމުންނެވެ. އޭގެ ސަބަބުން ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވާ ގަޑިތައް ނުވަތަ ޕީކު ގަޑިތަކުގައި ލޯޑު ބޮޑުވެ ކަރަންޓު ކެނޑުމުގެ މައްސަލަތައް އަންނަނީ ދިމާވަމުންނެވެ. މިމައްސަލަ ޙައްލުކުރުމަށް އައްޑޫގައި ކަރަންޓު ފޯރުކޮށްދެމުން އަންނަ ފެނަކައިން އަންނަނީވެސް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެހެންނަމަވެސް އެއީ މިހާރު ވަގުތީ ޙައްލުތަކެކެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް 25 މެގަވޮޓުގެ ކަރަންޓު އައްޑޫގައި އުފެއްދޭނެ ކެޕޭސިޓީ އިތުރުކުރަންޖެހޭކަމަށެވެ.

އަދި މިމަޝްރޫޢު ފެށުމަށްޓަކައި މަސައްކަތްތައް ކުރައްވަމުން އަންނައިރު މިމަޝްރޫޢުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގައި އެއް ވިއުގައަކުން ކަރަންޓު ފޯރުކޮށްދެވޭނެގޮތަށް ބަދަލުގެނައުމަށް ހަމަޖެހިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. އައްޑޫގެ ކަރަންޓު އެއްވިއުގައަކުން ގުޅާލާ މިމަޝްރޫޢުގެ ދަށުން 1 މެގަވޮޓްގެ ކަރަންޓު އުފެއްދުމަށް ހަމަޖެހިފައިވަނީ ކުނި އަންދައިގެން އުފެދޭ އިޢާދަކުރަނިވި ހަކަތައިންނެވެ. އަދި އަވިން ހަކަތަ އުފައްދައިގެން 10 މެގަވޮޓްގެ ކަރަންޓު އުފެއްދުމަށްވަނީ ހަމަޖެހިފައެވެ.
އައްޑޫސިޓީ މޭޔަރ ވިދާޅުވީ އައްޑުއަށް ކަރަންޓު ދިނުމަށް ގިނަ އިންޖީނުތަކެއް ހުރިނަމަވެސް ފާއިތުވި އަހަރުތަކުގައި އިންޖީނުތަކުގެ ޙާލަތު އެންމެ ރަނގަޅު ގޮތުގައި ބެލެހެއްޓި މަރާމާރުތައް އެންމެ ރަނގަޅުގޮތުގައި ކުރެވިފައި ނެތްކަމަށެވެ.

އައްޑޫގެ އިންޖީނުތަކަށް ދިމާވި މައްސަލަތައް ޙައްލުކުރުމަށް މާލއިން ފެނަކައިގެ އިންޖިނިއަރުންގެ ޚާއްސަ ޓީމެއް އައްޑުއަށް ގޮސްފައިވާއިރު މިމައްސަލަ ވަރަށްއަވަހަށް ޙައްލުވެގެންދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.