ޚަބަރު

ބ. އަތޮޅުގައި 1000 ހައުސިން ޔުނިޓް އިމާރާތްކުރަނީ


މުޅިރާއްޖޭގައި ޢިމާރާތްކުރަން ނިންމާފައިވާ 15000 ހައުސިން ޔުނިޓްގެ ތެރެއިން 1000 ހައުސިން ޔުނިޓް ބ.އަތޮޅުގައި ޢިމާރާތްކުރަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އާމިނަތު ޢާތިފާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދާދިފަހުން ބ.އަތޮޅުގެ ދެރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރ ވިދާޅުވީ މި 1000 ހައުސިން ޔުނިޓް ޢިމާރާތްކުރާނެ ގޮތަކާއި، ބަހާނެ އުޞޫލެއް ކަނޑައެޅުމަށް މިހާރު އަތޮޅު ކައުންސިލަށް ހުށައަޅާފައިވާކަމަށެވެ. އަދި ހައުސިންގ ޔުނިޓްތައް އިމާރާތްކުރާނީ އެއަތޮޅުގެ އެކި ރަށްރަށަށް ބަހާލައިގެން ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހިމަނައިގެން އިމާރާތްކުރާ މިފްލެޓް ތަކުގެ ތެރެއިން ބ. އަތޮޅުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 1000 ހައުސިންގ ޔުނިޓް އިމާރާތްކުރާނެ އުޞޫލެއް ކަނޑައެޅުމާމެދު ކައުންސިލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މި ހައުސިން ޔުނިޓް ރަށްރަށައް ބަހާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

ބ.އަތޮޅުގެ ރަށްތަކުގެ ކައުންސިލް ތަކުގެ ރައީސުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ހުރިހާ ރަށެއްގެ ކައުންސިލުން ވަނީ ބައިވެރިވެފައެވެ. ދާދި ފަހުން ސަރުކާރުން ވަނީ އޭދަފުށިން 158 ގޯތި ދޫކުރުމަށް ހުއްދަ ދޫކޮށްފައެވެ.