އަތޮޅުތައް

އެމްއައި ކޮލެޖްގެ ގއ. ވިލިނގިލީ ކެމްޕަސް ހުޅުވައިފި


މިއާޒް އިންޓަރނޭޝަނަލް ކޮލެޖް ނުވަތަ އެމްއައި ކޮލެޖްގެ ވިލިނގިލި ކެމްޕަސް
އިއްޔެ ހުޅުވައިފިއެވެ. މިކެމްޕަސް ހުޅުވައިދެއްވީ އެ ކޮލެޖްގެ ރެކްޓަރ ޑރ. އާމާލް
އަލީއެވެ.



ކެމްޕަސް ހުޅުއްވާ ދެއްވަމުން ޑރ. އާމާލް އަލީ ދެއްކެވި ވާހަކައިގައި އަންހެނުން
ބާރުވެރި ކުރުވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.



ގއ. ވިލިނގިލީގައި މިދިޔަ އަހަރު ޑިޕްލޮމާއިން އަރލީ ޗައިލްޑް ހުޑް ކޯސް ހިންގާފައިވާ
ކަމަށާއި އަދި މިއަހަރު ތެރޭ ޑިޕްލޮމާއިން އެކައުންޓިންގ އާއި ޔަންގ ލާރނާސް އިންގްލިޝް
ކޯސް ފެށުމާއި ގުޅިގެން މިހާރު 120 ދަރިވަރުން ވިލިނގިލި ކެމްޕަހުގައި ކިޔަވަމުންދާ
ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. އަދި މިކެމްޕަހުގައި ޑިޕްލޮމާއިން ހިޔުމަން
ރިސޯސް މެނޭޖްމަންޓާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން އިނގިރޭސިބަސް
ދަސްކޮށްދިނުމުގެ ކޯސް ތަކެއް ފެށުމަށް މިހާރު ތައްޔާރުވަމުން ދާކަމަށް އެމްއައި
ކޮލެޖުން މަޢުލޫމާތުދެއެވެ.



އެމްއައި ކޮލެޖަކީ 2006 ވަނަ އަހަރުން ފެށިގެން އައިއައިބީޑީ ގެ ނަމުގައި
ހިނގަމުންދިޔަ އިންސްޓިޓިއުޝަނެކެވެ. އެތަނަށް ކޮލެޖްގެ ދަރަޖަ ހުސްވި އަހަރު
ލިބުމާއެކު، އެމްއައި ކޮލެޖްގެ ނަމުގައި ހިންގާތާ މިހާރު 1 އަހަރު ވަނީ ވެފައެވެ.
އެމްއައި ކޮލެޖްގެ 10 ކެމްޕަސް އަތޮޅުތެރޭގައި ހިނގަމުންދާއިރު، މާލޭގައި 2
ކެމްޕަސް އަދި ހުޅުމާލޭގާއި 1 ކެމްޕަސް ހިނގަމުންދެއެވެ.