ގދ. ތިނަދޫގައި ދީނަށް ފުރައްސާރަކޮށް ފާޅުގައި ދީނާ ދެކޮޅަށް ނުކުތް މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފިއެވެ.
ފުލުހުން ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތު ޖެހުމުގެ އިތުރުން، ދީނަށް ފުރައްސާރަކުރުމާ ގުޅިގެން އޭނާއަށް އިންޒާރު ދިން މައްސަލަވެސް ބަލަމުން އަންނަ ކަމަށެވެ.
ދީނަށް ފުރައްސާރަކޮށްގެން ތިނަދޫއިން ހައްޔަރުކުރީ 36 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރި އިރު އޭނާ ކޮށްފައިވާ ޓްވީޓެއްގައި ތިނަދޫގެ ޒުވާނުންތަކެއް އެއްކޮށް ލާދިނީ ވާހަކަތަކެއް ކިޔައިދީފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެއީ އޭނާ ދީނާ ދެކޮޅަށް ކުރާ މަސައްކަތް ފާޅުގައި ފެއްޓުން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ކުރިއަށްއޮތްތަނުގައި ދީނާ ޚިލާފު ބޮޑު އެއްވުމެއް ބާއްވާނެ ކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.
އަދި އޭނާއަށް އިންޒާރުތަކެއް ލިބެމުންދާކަމަށް ދޭހަވާ ގޮތަށްވެސް ޓްވީޓްތަކެއް ކޮށްފައިވެއެވެ.
އެ ޒުވާނާ ހައްޔަރުކޮށްފައިވާއިރު ތިނަދޫގެ ގިނަ އަދަދެއްގެ ޒުވާނުން ދަނީ އޭނާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. އެގޮތުން އިއްޔެ އެރަށުގައި އެކަމާ ދެކޮޅަށް ޒުވާނުން ނުކުމެ ޕޮލިސް ސްޓޭޝަނަށްވެސް ގޮސްފައިވެއެވެ. ހައްޔަރު ކުރި މީހާ އަކީ މީގެ ކުރިންވެސް ޓްވިޓަރގައި ދީނާ ޚިލާފު ވާހަކަތަކެއް ފަތުރައި އެއްވެސް ދީނެއް ޤަބޫލު ނުކުރާކަމަށް ބުނަމުންދިޔަ މީހެކެވެ.